
އަމިއްލަ ގޮތުން ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެވަޑައިގަތުމަށްފަހު، ސަރުކާރު ހިންގާ މައި ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)އާ ގުޅިވަޑައިގެންނެވި މެންބަރުންތަކެއްގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާކަމަށް ކަނޑައަޅައިދިނުމަށް އެދި، ޤާނޫނީ ވަކީލު ޢަލީ ޙުސައިން ސުޕްރީމް ކޯޓަށް މައްސަލައެއް ވެއްދުމުގެ ތައްޔާރީތައް ފައްޓަވައިފިއެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް ‘އެކްސް’ ގައި އަލީ ހުސައިން އާންމުކުރެއްވި މެސެޖެއްގައި ވިދާޅުވީ، މަޖިލީހުގައި މިވަގުތު ގާނޫނީ ގޮތުން ގޮނޑި ގެއްލިފައިވާ ބަޔަކު އެބަތިބި ކަމަށާއި، އެ ފަރާތްތަކުގެ މައްސަލަ އެންމެ މަތީ ކޯޓަށް ހުށަހެޅުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށެވެ. މި މައްސަލައިގެ މައިގަނޑު އަސާސަކީ، މަޖިލިސް މެންބަރުން ޕާޓީ ބަދަލުކުރުމުން ނުވަތަ މިނިވަން މެންބަރުން ޕާޓީއަކާ ގުޅުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އެންޓި-ޑިފެކްޝަން އިސްލާހަކީ ބާތިލުކުރެވޭނެ އެއްޗެއް ނޫންކަމަށް މިދިޔަ މަހުގެ 29ވަނަ ދުވަހު ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމެވެ.
މި ވަގުތު ރައްޔިތުންގެ މަޖިލީހުގައި ގޮނޑި ގެއްލިގައިވާ ހައެއްކަ މެންބަރުން އެބަތިބި. އެ މީހުންގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށައެޅުމުގެ މަސައްކަތް ފަށައިފިން. އެ މީހުންނަކީ މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި އިންތިޚާބުވުމަށްފަހު ޕީއެންސީ އަށް ސޮއި ކުރި މެންބަރުން.
— Ali Hussain (@AleeVoice) May 13, 2026
މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި ވާދަ ކުރައްވައި މަޖިލީހުގެ ގޮނޑި ކާމިޔާބުވުމަށް ފަހުގައި، ޕީއެންސީއާ ގުޅިވަޑައިގެންނެވި މެންބަރުންނަކީ:
1- މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަޙުމަދު ޒަމީރު
2- ތިމަރަފުށި ދާއިރާގެ މެންބަރު އަޙުމަދު ރިޔާޒް
3- ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމް
4- ތިނަދޫ ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު އަލްސަން އަޙްމަދު
5- ވިލިނގިލި ދާއިރާގެ މެންބަރު އާޒިމް ޢަބްދުލް އަޒީޒް
6- ނައިފަރު ދާއިރާގެ މެންބަރު ޔާސީން އަބްދުﷲ
7- މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު
މިކަމާ ގުޅޭގޮތުން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އަލީ ހުސައިން ވިދާޅުވީ، ސުޕްރީމް ކޯޓުގެ އެ ނިންމުމަށް ރިއާޔަތްކުރާއިރު، އަމިއްލަގޮތުން ވާދަކުރައްވައިގެން ހޮވިވަޑައިގަތުމަށް ފަހު ވެރިކަންކުރާ ޕާޓީއާ ގުޅިވަޑައިގެންނެވި މެންބަރުންގެ ގޮނޑި މިހާރު ހުސްވާނެ ކަމަށް އޭނާ ގަބޫލުކުރައްވާ ކަމަށެވެ. އެހެންކަމުން، އެ މައްސަލައާ ގުޅޭ މައުލޫމާތު އެއްކޮށް، ގާނޫނީ ގޮތުން ކުރަންޖެހޭ ދިރާސާތައް މިހާރު ކުރިއަށްދާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

