
ރާއްޖޭގެ ވިޔަފާރި ބޭންކުތަކުން އަމިއްލަ ދާއިރާތަކަށް، ޕްރައިވެޓް ސެކްޓަރަށް ދޫކޮށްފައިވާ ލޯނުގެ މިންވަރު މި އަހަރުގެ މާރިޗު މަހުގެ ނިޔަލަށް ބޮޑު ތަނުން އިތުރުވެއްޖެއެވެ.
އެމްއެމްއޭއިން ބުނި ގޮތުގައި ފެބުރުވަރީ މަހު އަމިއްލަ ދާއިރާތަކަށް ދޫކުރި ލޯނު ކުރިއަރާފައިވާ 13 އިންސައްތައިގެ ރޭޓާ އަޅާބަލާއިރު، މާރިޗު މަސް ނިމުނުއިރު މި އަދަދު ވަނީ 14 އިންސައްތަ އަށް އިތުރުވެފައެވެ. މި ޑާޓާއިން ދައްކާ ގޮތުން ރާއްޖޭގެ އިގްތިސާދީ މައިގަނޑު ދާއިރާތަކަށް ބޭންކުތަކުން ދޭ މާލީ އެހީތެރިކަން އިތުރުވަމުންދާކަން ފާހަގައެވެ.
ބޭންކުތަކުން ދޫކުރި ލޯނުތަކުގެ ތެރެއިން އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވަނީ ފަތުރުވެރިކަމުގެ ދާއިރާ އަށެވެ. މި ދާއިރާއަށް ދޫކުރި ލޯނު މާރިޗު މަހު 12 އިންސައްތަ އިތުރުވެފައިވާއިރު، ބޭންކުތަކުން ދޫކޮށްފައިވާ ޖުމްލަ ލޯނުގެ އެންމެ ބޮޑު ހިއްސާއެއް އޮތީ ވެސް މި ދާއިރާގަ އެވެ. އެއީ މުޅި ލޯނުގެ 34 އިންސައްތައެވެ.
ލޯނުތައް އިތުރުވި ސަބަބަކީ އަލަށް ތަރައްގީކުރާ ރިސޯޓުތަކަށް ދޫކުރި ލޯނު އިތުރުވުމާއި މިހާރު ހުރި ރިސޯޓުތައް މަރާމާތުކޮށް އާބާތުރަ ފިލުވުމަށް މަރާމާތު ކުރުން އިތުރުވުން އަދި ގެސްޓްހައުސް ވިޔަފާރިތައް ފުޅާކުރުމަށް ދޫކުރި މާލީ އެހީ އިތުރުވުމެވެ.
ފަތުރުވެރިކަމުގެ އިތުރުން އިމާރާތްކުރުމުގެ ދާއިރާ، އަމިއްލަ ފަރާތްތަކަށް ދޫކުރާ ލޯނު (ޕާސަނަލް ލޯންސް)، ވިޔަފާރި އަދި ރިއަލް އެސްޓޭޓް ދާއިރާއަށް ވެސް މާރިޗު މަހު ބޭންކުތަކުން ވަނީ ބޮޑެތި އަދަދުތަކުން ލޯނު ދޫކޮށްފައެވެ.

