
ރާއްޖެއިން ބޭރުން އަންނަ އުމުރުން 21 އަހަރުން މަތީގެ ދަތުރުވެރިންނަށް، އިތުރު ޑިކްލަރޭޝަން ހުށަހެޅުމަކާ ނުލައި އަމިއްލަ ބޭނުމަށް ވަކި މިންވަރަކަށް ދުންފަތުގެ ބާވަތްތައް އެތެރެކުރެވޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން ކަމާ ބެހޭ އުސޫލަށް ބަދަލުތަކެއް ގެނެސްފިއެވެ.
ދަތުރުވެރިންނާއި އަމިއްލަ ފަރާތްތަކުން ގެންނަ ތަކެތިން ޑިއުޓީ މައާފުކުރުމުގެ ގަވާއިދަށް ގެނެވުނު ފުރަތަމަ އިސްލާހުގެ ދަށުން، މިހާރު 200 ސިނގިރޭޓު އަދި 100 ގްރާމުގެ ހިއްކާފައިވާ ދުންފަތް (އިތުރު ބަދަލެއް ނުގެނެސް ހުންނަ ފަތް) ގުޑްސް ޑިކްލަރޭޝަނަކާ ނުލައި އެތެރެކުރެވޭނެއެވެ. މި އުސޫލުގެ ދަށުން ހީޓަޑް ޓޮބޭކޯ ވެސް ހިމެނޭހެން ސިނގިރޭޓާއި ސުއްޓާ ފިޔަވައި އެހެނިހެން ދުންފަތުގެ ބާވަތްތައް ބަލާނީ ގްރާމުން ކިރައިގެންނެވެ.
މީގެ އިތުރުން، އަމިއްލަ ބޭނުމަށް ދުންފަތް އޮޅައިގެން ބޭނުންކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ބައެއް އާލާތްތައް ވެސް ޑިކްލަރޭޝަނަކާ ނުލައި އެތެރެކުރުމުގެ ހުއްދަ ވަނީ ދީފައެވެ. އޭގެ ތެރޭގައި ފަހަރަކު ސިނގިރޭޓެއް ނުވަތަ ބިޑިއެއް ތައްޔާރުކުރެވޭ އަތްމަތީ ކުޑަ މެޝިނަކާއި، އޮޅަން ބޭނުންކުރާ 50 ކަރުދާސް، 50 ފިލްޓަރު، އަދި 50 ހުސް ޓިއުބު ނުވަތަ ޕައިޕް ހިމެނެއެވެ. ފިލްޓަރާ އެކު ނުވަތަ ފިލްޓަރާ ނުލައި ހުންނަ ހުސް ޓިއުބާއި ޕައިޕް ގެންނަ ހާލަތްތަކުގައި އެތަކެތި ދޫކުރުމުގައި އަމަލުކުރާނެ ގޮތްތައް ގަވާއިދުގައި ވަނީ އިތުރަށް ތަފްސީލުކޮށްދީފައެވެ.
މިފަދަ ލުއިތަކެއް ދިން ކަމުގައި ވިޔަސް، ދުންފަތް ކޮންޓްރޯލްކުރުމުގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން 1 ޖަނަވަރީ 2007ގެ ފަހުން އުފަންވި އެއްވެސް ފަރާތަކަށް މި ތަކެތި ދޫނުކުރުމަށް ވަނީ ކަނޑައަޅާފައެވެ. އަދި އީ-ސިނގިރޭޓާއި، އީ-ލިކުއިޑްގެ އިތުރުން ޝީޝާއާއި ފްލޭވަރޑް ސިނގިރޭޓަށް އެއްވެސް ޑިއުޓީ އިނާޔަތެއް ނުލިބޭނެކަން އުސޫލުގައި ސާފުކޮށް ބަޔާންކޮށްފައިވެއެވެ. މި އައު އުސޫލަށް މިހާރު ވަނީ އަމަލުކުރަން ފަށާފައެވެ.

