
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން ތަރައްޤީކޮށްފައިވާ “އަމާން ދޯދި” އަދި “އަމާން އުދަރެސް” ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން، އެ އިމާރާތްތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މުޅި މަޝްރޫޢު އެއްކޮށް ނިންމާލައިފިއެވެ.
އެފްޑީސީން ހާމަކޮށްފައިވާ ގޮތުގައި، މި ދެ މަޝްރޫޢުގެ ދަށުން އިމާރާތްކޮށްފައިވާ ޖުމުލަ 32 ޓަވަރުގައި މިހާރު ވަނީ ކެމެރާ ހަރުކޮށްފައެވެ. މީގެ ތެރެއިން އަމާން އުދަރެހުގެ 16 ޓަވަރުގައި ކެމެރާ ހަރުކުރުމަށް ފަހު، ސިސްޓަމްތައް ޓެސްޓުކުރުމުގެ މަރުޙަލާ ފުރިހަމަކޮށް، އޮޕަރޭޝަނަށް ގެނައުމުގެ އެންމެހާ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ. އަދި އަމާން ދޯދީގެ 16 ޓަވަރުގައި ކެމެރާ ހަރުކޮށް ނިމިފައިވާއިރު، މިހާރު ކުރިއަށްދަނީ އެތަންތަނުގެ ސިސްޓަމްތައް ޓެސްޓުކުރުމާއި އޮޕަރޭޝަނަލް ކުރުމުގެ އެންމެ ފަހުގެ މަސައްކަތްތަކެވެ.
މި ކެމެރާތަކުގެ ސަބަބުން، 24 ގަޑިއިރު މެދުކެނޑުމެއްނެތި އެ ސަރަޙައްދު މޮނިޓަރ ކުރެވޭނެއެވެ. ޚާއްޞަކޮށް، ޓަވަރުތަކުގެ ވަށައިގެންވާ ސަރަޙައްދުތަކަށް ގަވާއިދާ ޚިލާފަށް ކުނި އެޅުން ފަދަ އާންމު އުނދަގޫތައް ކުރިމަތިކުރުވާ ފަރާތްތައް ފަސޭހައިން ދެނެގަނެވި، އެފަދަ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އެޅުމަށް މި ނިޒާމުގެ ސަބަބުން މަގުފަހިވެގެންދާނެކަމަށް އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅޭ އާންމު ސަރަޙައްދުތަކާއި ޓަވަރުތަކުގެ ސަލާމަތީ ކަންކަން ގާތުން ބެލެހެއްޓުމަށްޓަކައި، ނިމިދިޔަ އަހަރުގެ ފަހުކޮޅު ވިނަރެސްގެ 9ވަނަ ޓަވަރުގައި ވަނީ ޒަމާނީ ފެންވަރުގެ ސީސީޓީވީ ކޮމާންޑް ސެންޓަރެއް ވެސް ޤާއިމުކޮށްފައެވެ. މި ސެންޓަރު މެދުވެރިކޮށް މުޅި ސަރަޙައްދުގެ ސަލާމަތީ ކަންކަން އެފްޑީސީން އަންނަނީ ބަލަހައްޓަމުންނެވެ.

