
އައްޑޫ ސިޓީ ލިންކު ރޯޑުގައި ތާރުއެޅުމަށް އިތުރު ބަޔަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑެވެލޮޕްމެންޓް މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
މުއްތަލިބު މިފަދައިން ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގައި މަރަދޫ ދާއިރާގެ މެންބަރު އަޙްމަދުދީދީ އައްޑޫ ލިންކު ރޯޑު ތަރައްގީ ކުރުމުގެ މަޝްރުއުއާ ގުޅޭ ގޮތުން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. މިނިސްޓަރު ވިދާޅުވީ އެ މަސައްކަތް ކުރަމުންދަނީ ސަރުކާރުން މެޝިނަރީޒް ހޯދައިގެންކަމަށާއި ރަނގަޅު ފެންވަރަށް އެ މަގުގެ މަސައްކަތް ކުރިއަށްގެންދިޔުމަށް 400 މިލިޔަން ރުފިޔާ ޚަރަދުވާނެކަމަށެވެ. ނަމަވެސް ސަރުކާރުން މަސައްކަތް ކުރަމުންދަނީ ވީހާވެސް ހަރަދު ކުޑަކޮށް މަސައްކަތް ކުރިއަށް ގެންދިއުމަށް ކަމަށް ވެސް ވިދާޅުވިއެވެ. މިހާރު ކުރިއަށްދަނީ އެ މަގު ސާފު ކުރުމުގެ މަސައްކަތް ކަމަށް ވެސް ވިދާޅުވިއެވެ.
“އައްޑޫ ރައްޔިތުން ބޭނުންވަނީ ތާރު އަޅާފައި ރައްޔިތުންނަށް ފަސޭހަވާނެ ގޮތެއް ހެދުން. އެހެންވީނާ މަސައްކަތް އެބަކުރަން އެ މަސައްކަތް އަވަސްކުރެވޭނެ ގޮތެއް ހޯދަން އެހެން ބަޔަކާ ހަވާލުކޮށްގެން، ސީދާ. ލިންކު ރޯޑުގެ މަސައްކަތް އެކަނި، ތާރުއެޅުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްގެން.” މުއްތަލިބު ވިދާޅުވިއެވެ.
އައްޑޫ ލިންކު ރޯޑު ތަރައްގީ ކުރުމުގެ މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގައެވ. މި މަސައްކަތުގެ ދަށުން ޖުމްލަ 3 މަގެއްގެ މަސައްކަތް ކުރިއަށްދާނެއެވެ. މީގެ ތެރޭގައި 67.58 ކިލޯމީޓަރުގެ މަގު ހެދުމާއި، ފެންހިންދާ ނިޒާމު ޤާއިމުކުރުން ހިމެނެއެވެ. އަދި ސީޓީބީ މަގުތައް ތާރު އަޅައިގެން ތަރައްޤީ ކުރުމާއި، މިހާރު ހުރި ތާރު މަގުތަކުގެ މަތީގައި އިތުރު ފަށަލައެއް އެޅުމާއި، ގައު އަތުރާފައިވާ މަގުތަކުގައި ތާރު އެޅުން ހިމެނެއެވެ.

