
އައްޑޫ މީދޫގައި މަސް ފެކްޓްރީއެއް ގާއިމް ކުރުމަށް ޕްރައިވެޓް ޕާޓީއެއްގެ ޕްރޮޕޯސަލްއަކަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިފަދައިން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ޝިޔާމް ވިދާޅުވީ މީދޫގައި މިހާރު އިނީ ކަލެކްޓިން ފެސިލިޓީއަކާއި ކޯލްޑް ސްޓޯރޭޖެއް ކަމަށާއި، އެތަނުގެ ކޯލްޑް ސްޓޯރޭޖް ފެސިލިޓީ އިތުރުކުރުމަށްޓަކައި އައިޓީބީ މެދުވެރިކޮށް ޕްރޮޖެކްޓެއް އިމްޕްލިމެންޓް ކުރުމުގެ މަރުހަލާ ކުރިއަށް ދާ ކަމަށެވެ. އަދި ވަރަށް އަވަހަށް އެ މަސައްކަތް ކުރިއަށް ދާ ކަމަށެވެ.
“ފެކްޓްރީއެއް ގާއިމް ކުރުމަށްޓަކައި ޕްރައިވެޓް ޕާޓީއެއްގެ ޕްރޮޕޯސަލް އަކާ އެކީގައި އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ. މާގިނަ ދުވަހެއް އިރާދަކުރެއްވިއްޔާ ނުވާނެ. އިތުރު ވަޒީފާތައް އުފެދޭނެ. މަސް ޕްރޮސެސް ކުރާނެ.” ޝިޔާމް ވިދާޅުވިއެވެ.
އެ ފެސިލިޓީއަށް މަސް ކިރުމަށް ދާ ދޯނި ފަހަރަށް އޮތް އެންމެ ބޮޑު ދަތިކަމަކީ ނެރުން ވަދެ ނުކުމެ އުޅުމުގެ ދަތިކަން ކަމަށްވާތީ އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށާއި އެ މަސައްކަަތް އެމްޓީސީސީ އާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ފެކްޓްރީގެ މަސައްކަތާއި ކޯލްޑް ސްޓޯރޭޖް ފެސިލިޓީ އިތުރުކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން ވެސް އެތަނަށް ވަދެނުކުތުމުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.

