
ގިނަބަޔަކު އިންތިޒާރު ކުރަމުން އަންނަ ދިވެހި ފިލްމު “ދެވި” ގެ ނޭޝަންވައިޑް ތިއޭޓްރިކަލް އެގްޒިބިޝަން ޕާޓްނާއެއްގެ ގޮތުގައި އައިލެންޑް ސިނެމާ ހަމަޖައްސައިފިއެވެ.
އައިލެންޑް ސިނެމާއަކީ ދިވެހި ފިލްމުތައް ރާއްޖޭގެ އެކި ރަށްރަށާއި، ރިސޯޓްތަކުގެ އިތުރުން ރާއްޖޭން ބޭރުގެ އެކި ހިސާބުތަކުގައި ސްކްރީން ކުރަމުންދާ، ބެލުންތެރިންނާއި ޕްރޮޑިއުސަރުންގެ ބޮޑު އިތުބާރެއް ހޯދާފައިވާ ޓީމެކެވެ. އެގޮތުން މި އަހަރުގެ މިހާތަނަށްވެސް ގިނަ ދިވެހި ފިލްމުތަކެއް ރާއްޖޭގެ އެކި ހިސާބުތަކުގައި އަޅުވާފައިވާއިރު، މީގެ ކުރިން އައިލެންޑް ސިނެމާއިން ވަނީ އެއްފަހަރާ 54 ޝޯ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަޅުވައި ބޮޑު ކާމިޔާބީއެއް ހޯދާފައެވެ.
އައިލެންޑް ސިނެމާއިން މައުލޫމާތު ދޭ ގޮތުގައި، “ދެވި” ފިލްމު ރަށްރަށުގައި އަދި ރިސޯޓްތަކުގައި ސްކްރީން ކުރުމަށް ބޭނުންފުޅުވާ ފަރާތްތަކުން، 7779621 ނުވަތަ 9111164 އަށް ވައިބަރ މެދުވެރިކޮށް މެސެޖު ކުރައްވައިގެން އެކަމުގެ އިންތިޒާމުތައް ކުރިއަށް ގެންދެވޭނެއެވެ.
ދިވެހިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ކުޅަދާނަ އެކްޓްރެސް މަރްޔަމް އައްޒަ ޕްރޮޑިއުސަރެއްގެ ގޮތުގައި ނުކުންނަ ފުރަތަމަ ފިލްމު “ދެވި” ގެ ޓިކެޓް ހަލުވިކަމާއިއެކު ވިކެމުންދާއިރު، މިއީ އައްޒަގެ ކާމިޔާބު ފިލްމީ ކެރިއަރުގައި ފާހަގަކޮށްލެވޭނެ ވަރަށް މުހިންމު މޭލުގަލަކަށް ވެގެންދާނެ ކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ.
އައްޒަ ޑަބަލް ރޯލަކުން ފެނިގެންދާ މި ފިލްމުގެ ޓްރެއިލާއިން ބިރުވެރިކަމާއެކު ލޯބީގެ މަންޒަރުތަކެއް ވެސް ދައްކުވައިދެއެވެ. އައްޒަގެ ތަފާތު މޮޅު އެކްޓިންއެއް ފެނިގެންދާއިރު، ފިލްމުގައި ހިމެނޭ މައިގަނޑު ތަރިންގެ ހުނަރުވެރިކަން ޓްރެއިލާއިން ވަރަށް ފުރިހަމައަށް ދައްކުވައިދެއެވެ.
“ދެވި” ގެ ޑައިރެކްޓަރަކީ ހުސެން ހާޒިމް (ސޭންޑީ) އެވެ. އަދި މި ފިލްމުގެ ސްކްރީންޕްލޭ ތައްޔާރުކޮށްފައިވަނީ ސޭންޑީ އާއި ޝަހުދާ ގުޅިގެންނެވެ. މި ފިލްމުގެ ވާހަކައިގައި ދައްކުވައިދެނީ އައްޒަގެ އާއިލާއަށް ދިމާވާ ރޫޙާނީ ނުރައްކާތެރި ކަންތައްތަކަކުން ސަލާމަތްވުމަށް ކުރާ މަސައްކަތްތަކެކެވެ.
ޓެކްނިކަލް ގޮތުން ބަލާއިރު މިއީ ދިވެހި ސިނަމާގައި މިހާތަނަށް ކުރެވޭ އެންމެ ބޮޑު އެއް މަސައްކަތް ކަމަށް ޕްރޮޑަކްޝަން ހައުސްއިން ބުނެއެވެ. ޚާއްސަކޮށް ފިލްމުގެ ޕޯސްޓް-ޕްރޮޑަކްޝަން އަދި ވީއެފްއެކްސް މަސައްކަތްތަކަކީ ވަރަށް ފެންވަރު ރަނގަޅު މަސައްކަތްތަކެއްކަން ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން، ފިލްމުގެ އެކްޝަން މަންޒަރުތައް ފުރިހަމަކުރުމުގައި އެމް.އެން.ޑީ.އެފް ގެ އެސް.އޯ.ޖީ (ސްޕެޝަލް އޮޕަރޭޝަންސް ގްރޫޕް) ޓީމުގެ ވަރަށް ބޮޑު ބައިވެރިވުމެއް އޮތުމުން، މިއީ ބެލުންތެރިންނަށް މުޅިން އާ އަދި ޝައުގުވެރި ތަޖުރިބާއަކަށް ވެގެންދާނޭ ކަމެއްކަމަށް “ދެވި”ގެ ޕްރޮޑަކްޝަން ހައުސްއިން ބުނެއެވެ.
ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހު ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވާ މި ފިލްމުގެ ނަން ރަސްމީކޮށް އިއުލާންކޮށް، ޓައިޓަލް ވީޑިއޯއަށް ލިބުނު ބޮޑު ތަރުހީބާއެކު، ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ މި ފިލްމަށް އިންތިޒާރުކުރަމުންދާކަން ހާމަކުރަމުންނެވެ.

