
އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސްއެލް)ގެ މުވައްޒަފުންގެ ފްލެޓުތައް ތަރައްޤީކޮށް ހައުސިންގ ޕްރޮޖެކްޓް ފަރުމާކޮށް އަދި އިމާރާތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލައިފިއެވެ.
ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ކުރިއަށް ގެންދިއުމަށް ރާވާފައިވާ މި މަޝްރޫޢުގެ ދަށުން، އިމާރާތްކުރުމަށް ހިނގާނެ ހުރިހާ ޚަރަދެއް ފުރަތަމަ ކުރާނީ މަސައްކަތާ ހަވާލުވާ ފަރާތުންނެވެ. އޭގެ ބަދަލުގައި އައިއޭއެސްއެލްއިން އެ ފައިސާ ކޮންޓްރެކްޓަރަށް އަނބުރާ ދައްކާނީ ދިގު މުއްދަތަކަށް ބަހާލައިގެންނެވެ. މިކަމަށް ޝައުޤުވެރިކަން ފާޅުކުރުމުގެ (އީއޯއައި) ފޯމު އީމެއިލް މެދުވެރިކޮށް ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ މި ހިނގާ މަހުގެ 27ވަނަ ދުވަހުގެ ރޭ 23:59އެވެ.
މުވައްޒަފުންގެ ފްލެޓްތައް އެޅުމަށް ބޭނުންވާ ބިން ހަމަޖެއްސުމުގެ ގޮތުން، މި މަހުގެ އަށްވަނަ ދުވަހު އައިއޭއެސްއެލްއިން ވަނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ އެކު ރަސްމީކޮށް އެއްބަސްވުމެއް އެކުލަވާލާފައެވެ. ހުޅުމާލެއިން ބިން ދޫކުރުމަށް ވެވުނު މި މުހިންމު އެއްބަސްވުމުގައި އައިއޭއެސްއެލް ތަމްސީލުކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް އިޔާސްއެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޒުހައިރުއެވެ.
ދައުލަތުގެ ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، ވެލްފެއަރ ކަންކަން ހަރުދަނާކުރުމުގެ ގޮތުން ހުޅުމާލޭގައި ފްލެޓް އެޅުމަކީ މިހާރު ވަރަށް ގިނަ ކުންފުނިތަކުން ކުރަމުން އަންނަ ކަމެކެވެ. މިގޮތުން، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 384 އެޕާޓްމަންޓުގެ ދެ ޓަވަރު ނިންމާފައިވާއިރު، އެސްޓީއޯ، ސްޓެލްކޯ އަދި އެމްޕީއެލް ފަދަ ބޮޑެތި ކުންފުނިތަކުން ވެސް ވަނީ މުވައްޒަފުންނަށް ޚާއްސަކޮށްގެން ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ކާމިޔާބުކަމާ އެކު ނިންމައި ފްލެޓްތައް ހަވާލުކޮށްފައެވެ.

