
އޮޑިޓަރ ޖެނެރަލްގެ އޮފީހުން، ކުރިއަށް އޮތް އަހަރު ޖުމުލަ 394 އޮޑިޓެއް ފުރިހަމަކުރުމަށް އަމާޒުހިފައި، އެ މަސައްކަތްތަކަށް ބޭނުންވާ 133.5 މިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހަޅައިފިއެވެ.
މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ބަޖެޓުގެ އިންތިޒާމުތައް ހާމަކުރައްވަމުން އޮޑިޓަރ ޖެނެރަލް ޙުސައިން ނިޔާޒީ ވިދާޅުވީ، 133،590،265 ރުފިޔާގެ ބަޖެޓެއް އަންނަ އަހަރަށް ކަނޑައަޅާފައިވާއިރު، އޭގެ ތެރެއިން 43.5 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ހަމަޖެހިފައި ވަނީ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)ގެ މަޝްރޫޢުތަކަށް ކަމަށެވެ.
އަންނަ އަހަރަށް ރާވާފައިވާ 394 އޮޑިޓްގެ ތެރޭގައި ސަރުކާރުގެ އޮފީސްތަކާއި، ކުންފުނިތަކުގެ އިތުރުން މާލީ އިދާރާތައް ޝާމިލުވާ ގިނަ އޮޑިޓްތަކެއް ހިމެނެއެވެ. އަދި ހިނގަމުންމިދާ އަހަރު ނުނިމި ހުރި 120 މަސައްކަތެއް ވެސް މީގެ ތެރޭގައި ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ.
އަންނަ އަހަރަށް އެ އޮފީހުން ތާވަލުކޮށްފައިވާ މައިގަނޑު އޮޑިޓްތަކަކީ:
– ދައުލަތުގެ އިދާރާތަކުގެ ފައިނޭންޝިއަލް އަދި ކޮމްޕްލަޔަންސް 61 އޮޑިޓް
– ރަށު އަދި ސިޓީ ކައުންސިލްތަކުގެ 106 އޮޑިޓް
– ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މާލީ 40 އޮޑިޓް
– ބޭރުގެ އެހީލިބިގެން ހިންގާ މަޝްރޫޢުތަކުގެ 22 އޮޑިޓް
– ދައުލަތުގެ ޢާންމު ފަންޑުތަކާއި ސްކީމްތަކުގެ 6 އޮޑިޓް
– މާލީ މުއައްސަސާތަކުގެ 4 އޮޑިޓް
– ދައުލަތުގެ ދަރަންޏާއި ގެރެންޓީތަކާ ގުޅޭ 3 އޮޑިޓް
– ބަޖެޓާއި ފިސްކަލް ޓްރާންސްޕޭރެންސީ ޤާނޫނާ ގުޅުންހުރި 5 އޮޑިޓް
– ޕާފޯމަންސް ވަޒަންކުރުމުގެ 6 އޮޑިޓްގެ އިތުރުން 8 ޚާއްޞަ އޮޑިޓް
– އިންފޮމޭޝަން ޓެކްނޮލޮޖީ ސިސްޓަމްތަކުގެ 7 އޮޑިޓް އަދި ތިމާވެއްޓާ ގުޅޭ 6 އޮޑިޓް
މިއަހަރުގެ މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކަށް ބައްލަވާލައްވަމުން އޮޑިޓަރ ޖެނެރަލް ވިދާޅުވީ، ޖުމުލަ 183 ރިޕޯޓެއް މިހާރު ޝާއިޢުކުރެވިފައިވާ ކަމަށެވެ. އަދި އިތުރު 259 އޮޑިޓެއްގެ މަސައްކަތް މިވަގުތު ވެސް ހިނގަމުންދާއިރު، މީގެ ތެރެއިން އެންމެ ބޮޑު ބައެއް އަހަރު ނިމުމުގެ ކުރިން ފުރިހަމަކުރެވޭނެ ކަމުގެ ޔަޤީންކަން އެބައޮތްކަން އޭނާ ފާހަގަކުރެއްވިއެވެ.
މިއަހަރަށް ފާސްކޮށްދީފައިވާ 134.2 މިލިއަން ރުފިޔާގެ ބަޖެޓުގެ ތެރެއިން މިހާތަނަށް ހޭދަކޮށްފައި ވަނީ 56.9 މިލިއަން ރުފިޔާއެވެ. ނިޔާޒީ ވިދާޅުވި ގޮތުގައި އަހަރުގެ ބާކީ އޮތް ދުވަސްތަކުގައި އިތުރު 45 މިލިއަން ރުފިޔާ ޚަރަދުކުރެވޭނެކަމަށް ލަފާކުރެވޭއިރު، އަހަރު ނިމޭއިރު 31 މިލިއަން ރުފިޔާ ބޭނުންނުކުރެވި ބާކީ ހުންނާނެކަމަށް އަންދާޒާކުރެވެއެވެ. އެހެންކަމުން އަންނަ އަހަރުގެ ބަޖެޓު ފަރުމާކޮށްފައި ވަނީ މި ފައިސާ ވެސް ހިމަނައިގެންނެވެ.

