
އަންހެން ކުދިންނަށް ފަހި ފުރުޞަތުތައް ހޯދައިދީ އެކުދިން ބާރުވެރިކުރުވުމަކީ މުޅި ޤައުމުގެ ކުރިމަގަށް އަންނާނެ ވަރަށް އުފާވެރި ބަދަލެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
ބައިނަލްއަޤުވާމީ ގޮތުން މިއަދު ފާހަގަކުރާ އަންހެން ކުދިންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާ މެދުވެރިކުރައްވައި ދެއްވި އެކަމަނާގެ މެސެޖުގައި އިތުރަށް ބަޔާންކުރައްވާފައިވާ ގޮތުގައި، ކުދިން ބާރުވެރިކުރުމުގެ ނަތީޖާއަކަށް ވެގެންދާނީ ހަމައެކަނި އެކުދިންގެ ޒާތީ ދިރިއުޅުން އާބާދުވުމެއް ނޫނެވެ. އޭގެ ބަދަލުގައި އެއީ މުޅި ދިވެހި މުޖުތަމަޢުގެ ބުންވަރު ގަދަކޮށް، ޤައުމީ ތަރައްޤީގެ އާ މިސްރާބަކަށް މަގުފަހިކޮށްދޭނެ މުހިންމު ފިޔަވަޅެއްކަން ފަސްޓް ލޭޑީ ވަނީ ފާހަގަކުރައްވާފައެވެ. އަދި ދިވެހިރާއްޖެއާއި ދުނިޔޭގެ އެކި ހިސާބުތަކުގައި ދިރިއުޅޭ އަންހެން ކުދިންގެ ހިތްވަރުގަދަކަމާއި، ވަރުގަދަ ޢަޒުމުގެ އިތުރުން އީޖާދީ ވިސްނުންތަކަށް އެކަމަނާ ވަނީ ތަޢުރީފުކުރައްވާފައެވެ.
މީގެ އިތުރުން، އަންހެން ކުދިންނާއި ޒުވާން އަންހެނުންނަކީ މުޖުތަމަޢު ބިނާކުރުމުގެ މުހިންމު ޙިއްޞާދާރުންކަން ސާބިތުކޮށްދެމުންދާކަން ރައީސްގެ އަނބިކަނބަލުން ހަނދާންކޮށްދެއްވިއެވެ. އެގޮތުން، ތަޢުލީމީ މައިދާނާއި، ސަރުކާރުގެ ޚިދުމަތްތަކާއި، ވިޔަފާރީގެ އިތުރުން ކުޅިވަރާއި އިޖުތިމާޢީ ޙަރަކާތްތަކުގައި ވެސް ދިވެހި އަންހެން ކުދިން ދައްކަމުންދާ ނަމޫނާ މަސައްކަތްތަކަށް އެކަމަނާ ވަނީ އަލިއަޅުއްވާލައްވާފައެވެ.
މި މެސެޖު ނިންމަވާލައްވަމުން ސާޖިދާ މުޙައްމަދު ވިދާޅުވީ، އަންހެން ކުދިން ހޯދަމުންދާ ކާމިޔާބީތަކާއި އެކުދިންގެ އިސްނެގުންތަކަކީ، ވިލުންތެރި އަދި ދެމެހެއްޓެނިވި ޤައުމެއް ބިނާކުރުމުގެ އެންމެ ވަރުގަދަ ބާރު ކަމަށެވެ.

