
އަންހެނަކަށް ވެގެން ގިނަ ބަޔަކާ ގުޅުން ބަދަހިކޮށް، ގިނަ އަދަދެއްގެ ފައިސާ ހޯދި ފިރިހެން މީހާ ދެ އަހަރަށް ޖަލަށް ލާން ހުކުމްކޮށްފިއެވެ.
ކްރިމިނަލް ކޯޓުން ކުރި ހުކުމުގައިވާ ގޮތުގައި، މި މައްސަލާގައި ދައުވާކޮށްފައިވާ މީހާއަކީ އިސްމާއިލް ޒަބީހް، ކ. ކާށިދޫ، ސިލިންކޯއެވެ. އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ މަނީ ލޯންޑްރިންގެ ކުށުގެ ދައުވާއެވެ.
ކޯޓު ހުކުމުން އެނގޭ ގޮތުގައި ޒަބީހު ވަނީ އަންހެނެއްގެ ފޮޓޯ ބޭނުންކޮށްގެން ‘ޝާނާ ހުސައިން’ގެ ނަމުގައި ފޭސްބުކްގައި ޕްރޮފައިލެއް އުފައްދައިފައެވެ. އަދި އެ ޕްރޮފައިލުން ގިނަ އަދަދެއްގެ މީހުންނާ ވާހަކަ ދައްކައި ގުޅުން ބަދަހިކޮށް އޭނާގެ ކަމުގައިވާ ބޭންކް އެކައުންޓަކަށް 710،550 ރުފިޔާ ޖަމާކޮށްފައެވެ. އަދި އެ ފައިސާ އޭނާގެ ނަމުގައިވާ އެހެން ބޭންކް އެކައުންޓަށް ޓްރާންސްފާކޮށް ކުށް ކޮށްގެން ހޯދާފައިވާ ފައިސާގެ އަސްލު އޮޅުވާލަން މަސައްކަތްކޮށް، އެ ފައިސާ ބޭނުންކޮށްފައިވާ ކަމަށް ދައުވާގައިވެއެވެ.
މި މައްސަލާގައި ޒަބީހު ވަނީ ދައުލަތް ތަމްސީލްކުރާ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)އާ އެކު އިއުތިރާފު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އޭނާ 2 އަހަރާއި 6 މަސް ދުވަހަށް ޖަލަށް ލު މާއެކު 100,000 ރުފިޔާއިން ޖޫރިމަނާކުރުމަށް ކޯޓުން ހުކުމް ކުރަނީ، ދައުލަތާ އެކު ހަދާފައިވާ އެއްބަސްވުން ބަލައިގަނެ، އޭގައިވާ ގޮތުގެ މަތިންނެވެ.
މި މައްސަލާގައި ޒަބީހު ބަންދުގައި ހޭދަކުރި ދުވަސްތައް އުނިކުރުމުން ހުކުމުން ތަންފީޒުކުރަން ޖެހެނީ 7 މަހާއި 15 ދުވަސް ކަމަށް ކޯޓު ހުކުމުގައިވެއެވެ.

