
50 ކޮތަޅަށްވުރެ ގިނައިން ހިމެނޭ ބޮނޑިން ދެ ރުފިޔާ ނެގުން ހުއްޓާލުމަށާއި ރާއްޖެއަށް ކުނި އެތެރެކުރުން މަނާކުރުމަށް، ކުނި މެނޭޖުކުރުމުގެ ގާނޫނަށް ގެނައި އިސްލާހުގެ ބިލު ރައްޔިތުންގެ މަޖިލީހުގެ މުޅި ކޮމިޓީން އިއްތިފާގުން މިއަދު ފާސްކޮށްފިއެވެ.
އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ދިރާސާކޮށް ނިންމި ގޮތަށް މުޅި މަޖިލީހުގެ ކޮމިޓީން މި ބިލު ފާސްކުރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް 65 މެމްބަރުންގެ ވޯޓާއެކުގައެވެ. އުނގޫފާރު ދާއިރާގެ މެމްބަރު އިބްރާހީމް ޝިފާޒް މަޖިލީހަށް ހުށަހެޅުއްވި މި ބިލާ ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ.
މި ބިލުގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ އެއް ބަދަލަކީ، ގިނަ އަދަދެއްގެ ޕްލާސްޓިކް ކޮތަޅު ހިމެނޭ ބޮނޑިތަކުން ނަގަމުން އައި ދެ ރުފިޔާގެ ފީ ކަނޑާލުމެވެ. މީގެ ސަބަބުން ކޮތަޅުން ނަގާ ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބެމުންދާ އާމްދަނީ ދަށްވެގެންދާނެއެވެ. މީގެ އިތުރުން، އެއްވެސް ބާވަތެއްގެ ކުނި ރާއްޖެއަށް އެތެރެކުރުން މުޅިން މަނާކުރުމަކީ ވެސް މި އިސްލާހުގެ މައިގަނޑު އެއް އަމާޒެވެ.
މިއާ އެކު، ސިނާއީ އަދި އިގުތިސޯދީ މަސައްކަތްތައް ހިންގާ ސަރަހައްދުތަކުގައި ކުނި ނައްތާލުމުގެ ހަރުދަނާ ސިޔާސަތުތަކެއް އެކުލަވާލުމަށް ބިލުގައި ވަނީ ލާޒިމުކޮށްފައެވެ. އަދި ކުނި މެނޭޖުކުރުމުގެ ކަންކަން ރާއްޖޭގެ މާސްޓަރ ޕްލޭނާއި ސިޓީތަކުގެ ޕްލޭންތަކާ ގުޅުވާލުމަށާއި، ކުނި ނައްތާލާ މަރުކަޒުތަކާއި ވަސީލަތްތައް ހުންނަންޖެހޭ ފެންވަރު ކަނޑައެޅުން ވެސް މި ބިލުގައި ހިމަނާފައިވެއެވެ. މިއީ ކަމާ ބެހޭ އިދާރާތަކުގެ ޒިންމާތައް ސާފުކޮށްދީ، ގާނޫނު ތަންފީޒުކުރުމުގައި މިހާރު ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށް ގެނައި މުހިންމު ބަދަލުތަކެކެވެ.
ކުނި މެނޭޖުކުރުމުގެ މައްސަލައަށް ދާއިމީ އަދި ވަށާޖެހޭ ހައްލެއް ހޯދުމުގެ އަމާޒުގައި، ރާއްޖޭގައި ކުނި މެނޭޖުކުރުމުގެ ގާނޫނަކަށް އަމަލުކުރަން ފަށާފައި ވަނީ 18 ޑިސެމްބަރު 2022ގައެވެ. މި ގާނޫނަކީ ކުނި ވަކިކޮށް، ރައްކާތެރިގޮތުގައި އުކާލައި ނައްތާލުމުގެ އުސޫލުތައް ކަނޑައަޅައި، ތިމާވެއްޓާއި އާންމު ސިއްހަތު ސަލާމަތްކުރުމަށް އެކުލަވާލާފައިވާ ގާނޫނެކެވެ.

