
ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅުމަށްޓަކައި 24 ގަޑިއިރު ހިދުމަތް ދިނުމަށް ރައީސް އޮފީހުގައި ގާއިމު ކުރި “ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ” އަންނަ ޖުލައި މަހުގެ ކުރިން ހުޅުވަން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ރޭ އަލަށް ގެނެސްދޭން ފެށި “ނޭޝަން ޗެޓް” ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މުޅި ސަރުކާރުގެ ނިޒާމްގެ ތެރޭގައި ހުރި ކަންކަމުގެ ޝަކުވާތަކަށް، 24 ގަޑިއިރު ހިދުމަތް ދިނުމަށް ގާއިމްކުރާ އެ އޮފީހުގެ އިދާރީ ހުރިހާ މަސައްކަތެއް ވަރަށް ބާރަށް ކުރިއަށް ގެންދަވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެ ބިއުރޯއަށް ރައްޔިތުން ހުށަހަޅާ ޝަކުވާތައް، އާޓިފިޝަލް އިންޓެލިޖެންސް (އޭ އައި) އެކުލެވޭ ޑިޖިޓަލް ސިސްޓަމެއްގެ ތެރެއިން މެނޭޖްކޮށް، ކަމާބެހޭ އިދާރާތަކުން މަޢުލޫމާތު ހޯދައި، އެ ޝަކުވާތަކަށް އަވަސް ޖަވާބެއް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ބިއުރޯގެ ބައެއްގެ ގޮތުގައި، 24 ގަޑިއިރު ހިދުމަތް ފޯރުކޮށްދޭ ކޯލް ސެންޓަރާއެކު އެ މަސައްކަތް ކާމިޔާބުކަމާއިއެކު ހާސިލްކުރައްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.
“ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ”ގެ ވެރިއަކަށް މ. ވެލަގަލި، ޑރ. ،މުހައްމަދު މާހިދު ޝަރީފު ނިމިގެން ދިޔަ ހަފްތާގައި ވަނީ އައްޔަނުވެސްކޮސްފަ އެވެ.

