
69ވަނަ ކޮމަންވެލްތު ޕާލިމެންޓަރީ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އިސް އޮފިޝަލުން ހިމެނޭ ހާއްސަ ވަފުދެއް އެ ގައުމަށް ފުރާވަޑައިގެންފިއެވެ.
ދެކުނު އެފްރިކާގެ ކޭޕް ޓައުންގައި މިއަދުން ފެށިގެން މި މަހުގެ 19ގެ ނިޔަލަށް ކުރިއަށްދާ މި އަހަރުގެ ބައްދަލުވުމަކީ ދެކުނު އެފްރިކާގެ ގާނޫނުހަދާ މަޖިލީހާއި ކޮމަންވެލްތު ޕާލިމެންޓަރީ އެސޯސިއޭޝަން (ސީޕީއޭ)ގެ އެ ގައުމުގެ ގޮފިން ގުޅިގެން އިންތިޒާމުކުރާ ހަރަކާތެކެވެ. ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މައުލޫމާތު ދެއްވާ ގޮތުގައި، ކޮމަންވެލްތުގެ އެކި ގައުމުތަކުގެ ޕާލަމެންޓު މެންބަރުން އެއްތަންވާ މި މަހާސިންތާގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ، ޕާލިމެންޓަރީ ޑިމޮކްރަސީ ކުރިއެރުވުމާއި، ދައުލަތް ހިންގުމުގެ ނިޒާމުތައް ހަރުދަނާކުރުމުގެ އިތުރުން ބައިނަލްއަގުވާމީ ގާނޫނުތަކާ ގުޅޭގޮތުންނެވެ. އަދި މީގެ އިތުރުން ގައުމުތަކުގެ މެދުގައި ގުޅިގެން މަސައްކަތްކުރެވިދާނެ އެހެނިހެން މުހިންމު ދާއިރާތަކާމެދު ވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެއެވެ.
މި މުހިންމު ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ރާއްޖޭގެ ޓީމުގައި ޖުމްލަ ހަ ބޭފުޅަކު ހިމެނިވަޑައިގަންނަވައެވެ. އެއީ ސީޕީއޭގެ އޭޝިއާ ސަރަހައްދުގެ މަންދޫބު އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމާއި، ހުރާ ދާއިރާގެ މެމްބަރު ޑރ. އަނާރާ ނައީމް، ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރުޒޫގްގެ އިތުރުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު އަލްއުސްތާޒާ ފާތިމަތު ނިޔުޝާއާއި، މަޖިލިސް އިދާރާގެ ސީނިއާ ފޮރިން ރިލޭޝަންސް އޮފިސަރު އާއިޝަތު އީމާން ވެސް ވަނީ މި ވަފުދާ އެކު ފުރާވަޑައިގެންފައެވެ.

