
ކޮރަޕްޝަންގެ މައްސަލައެއްގައި ތިނަދޫ މޭޔަރު ސައުދު އަލީގެ މައްޗަށް ދައުވާކުރަން ފޮނުވައިފިއެވެ.
އޭސީސީން ބުނީ ސައުދުގެ މައްޗަށް ދައުވާކުރަން ފޮނުވީ ދެހާސް ތޭވީސް ވަނަ އަހަރު ބީލަމަކާ ނުލައި ކައްކާ ގޭހުގެ ވިޔަފާރި ކުރުމަށް ގދ. ތިނަދޫއިން އަމިއްލަ ކުންފުންޏަކަށް ބިމެއް ދިން މައްސަލައެއްގައި ކަމަށެވެ.
އެ މައްސަލައިގައި ސައުދުގެ އިތުރުން ތިނަދޫ ކައުންސިލްގެ އެހެން ބޭފުޅުންތަކަކާ ދެކޮޅަށް ދައުވާ ކުރަން ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވީ މި މަހުގެ 10ވަނަ ދުވަހު ކަމަށް އޭސީސީން ބުންޏެވެ.
އެ މައްސަލައިގައި އޭސީސީން އެދިފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާ އެ އެެންމެންގެ މައްޗަށް ކޮށްދިނުމަށެވެ.
އެ މައްސަލައިގައި ސައުދުގެ އިތުރުން ދައުވާކުރަން ފޮނުވީ އޭރު ކައުންސިލަރުންގެ ގޮތުގައި ތިއްބެވި ތިން ބޭފުޅުންގެ މައްޗަށެވެ. އެ ބޭފުޅުންނަކީ.
- އާމިނަތު ނަސީމާ.
- އަހުމީމާ އަޙްމަދު.
- ޢާއިޝަތު ލިއުޝާ ޒުބައިރު.
“ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ގަވާއިދު”ގައި ބުނެފައިވާ ގޮތުން ބީލަމަށް ހުޅުވާނުލައި ސިނާއީ/ ވިޔަފާރީގެ ބޭނުމަށް ބިން ދޫނުކުރެވޭނެ އެވެ. ނަމަވެސް ތިނަދޫ ކައުންސިލްގެ 4ވަނަ ދައުރުގެ 111ވަނަ ރަސްމީ ބައްދަލުވުމުގައި އިއުލާންކުރުމެއް ނެތި އަމިއްލަ ކުންފުންޏަށް ބިން ދޫކުރަން ނަސީމާއާއި، އަހުމީމާ އަހުމަދު އަދި ޢާއިޝަތު ލިއުޝާ ޒުބައިރު ތާއީދުކޮށް އޮތީ ނިންމާފައި ކަމަށާއި އަދި އެކަން ކުރީ އެ ކުންފުންޏަށް ނާޖާއިޒު ފައިދާ ހޯދައި ދިނުމަށްކަމަށް ވެސް އޭސީސީން ބުނެފައިވެއެވެ.
އަދި 1ނޮވެންބަރު 2023ގައި އެ ކުންފުންޏާއެކު ވެވުނު އެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން ސަޢުދު ޢަލީ ސޮއިކުރައްވައި، 2000އަކަފޫޓުގެ 3ބިން އެ ކުންފުންޏަށް ގަވާއިދާ ޚިލާފަށް ނާޖާއިޒު ގޮތުގައި އޮތީ ދޫކޮށްފައި ކަމަށް ވެސް އޭސީސީން ބުނެފައިވެއެވެ.

