
ޤައުމުގެ އިޤުތިޞާދީ ނިޒާމު ފުނޑުފުނޑުވެގެން ދިޔުމުގެ އެންމެ ބޮޑު އެއް އަސްލަކީ ކޮރަޕްޝަންކަމުގައި ބަޔާންކޮށް، އެ ނުބައި ޢަމަލާ ދުރުހެލިވުމަށް މިއަދުގެ ހުކުރު ޚުޠުބާގައި އިލްތިމާސްކޮށްފިއެވެ.
“ކޮރަޕްޝަނާއި ރިޝްވަތުގެ ނުރައްކާތެރިކަން” މި މައުޟޫޢުގެ މައްޗަށް މިއަދު އިއްވި ޚުޠުބާގައި އަލިއަޅުވައިލައްވައިފައި ވަނީ، އަމިއްލަ މަންފާއަށްޓަކައި މަޤާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ މައްޗަށެވެ. ކޮންމެ މީހަކާ ޙަވާލުކުރެވިފައިވާ ޒިންމާއަކީ ވެސް މާތް ﷲގެ ޙަޟްރަތުގައި ޖަވާބުދާރީވާންޖެހޭނެ އަމާނާތެއްކަން ހަނދާންކޮށްދެއްވަމުން، އެފަދަ މަސްއޫލިއްޔަތުތައް އަމިއްލަ އެދުމަށް ބޭނުންކުރުމަކީ ބޮޑުވެގެންވާ ޚިޔާނާތެއްކަމަށް ސިފަކުރެއްވިއެވެ.
މީގެ އިތުރުން، އިންސާނީ ފިޠުރަތަކީ އިންސާފާއި ސުލްޙައަށް ލޯބިކުރާ އެއްޗެއްކަން ފާހަގަކުރައްވައި، ކޮރަޕްޝަނަކީ އެ ސަލާމަތް ބުއްދިއާ މުޅިން އިދިކޮޅު، ބިމުގައި ފަސާދަ އުފައްދާ ބަލިމަޑުކަމެއްކަމަށް ޚުޠުބާގައި ވިދާޅުވިއެވެ. އަދި މުޖުތަމަޢު ތެރޭގައި އެންމެ ބޮޑަށް މޫލާފައިވާ މިފަދަ އެއް މައްސަލަ ކަމުގައިވާ ރިޝްވަތުގެ މުޢާމަލާތްތަކަކީ، ޙައްޤު ނޫން އެއްޗެއް ހޯދުމަށް ނުވަތަ ބާޠިލު ކަންކަން ޙައްޤުކަމަށް ހެދުމަށް ހިންގޭ، މާތް ﷲގެ ލަޢުނަތް ހުރި ޢަމަލެއްކަމަށް ވެސް ބަޔާންކުރެއްވިއެވެ.
ކޮރަޕްޝަންގެ ޢަމަލުތައް ގިނަވުމުގެ ސަބަބުން، އެއީ އާދައިގެ ކަމެއްކަމަށް ބައެއް މީހުންނަށް ޤަބޫލުކުރެވިފައި އޮތް ނަމަވެސް، އެއީ ނަރަކައިގެ އަލިފާނަށް މީހާ ހުށަހެޅި، އީމާންކަން ފަނޑުކޮށްލާނެ ފަދަ ނުރައްކާތެރި ފާފައެކެވެ. ޚުޠުބާ ނިންމައިލައްވަމުން ގޮވައިލެއްވީ، މާއްދީ އެދުންތަކާއި ދަހިވެތިކަމުން ދުރުވެ، ކިތަންމެ ކުޑަ ޒިންމާއެއް އަދާކުރާ މީހަކު ކަމުގައިވިޔަސް ތެދުވެރިކަމާ އެކު އެމީހެއްގެ ވާޖިބު އަދާކުރުމަށާއި، ކީރިތި ރަސޫލާގެ އިރުޝާދުތަކުން ޢިބުރަތް ޙާޞިލުކުރުމަށެވެ.

