
ވ. ކެޔޮދޫ ވިޔަފާރިތަކަށް ސްކޭމްއާ ގުޅޭ މައުލޫމާތު ދިނުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ،
ފުލުހުން މައުލޫމާތު ދިން ގޮތުގައި މި ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ 12ވަނަ ދުވަހުން ފެށިގެން 13ވަނަ ދުވަހުގެ ނިޔަލަށެވެ. މި ހަރަކާތަކީ ކުށްމަދު އަމާން މުޖުތަމައެއް ބިނާކޮށް ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށް ވެސް ބުނެފައިވެއެވެ.
ކެޔޮދޫގެ ހުރިހާ ފިހާރައާއި ކެފޭ، ރެސްޓޯރަންޓުތަކަށް ޒިޔާރަތްކޮށް މައުލޫމާތު ހިއްސާކޮށްފައިވާ ކަަމަށާއި އެގޮތުން، ވިޔަފާރިތަކަށް އަމާޒުކޮށް ހިންގާ ސްކޭމްތަކާއި އެފަދަ ކުށްތަކުން ރައްކާތެރިވެ ތިބުމަށް ކުރެވޭނެ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އަދި އޮންލައިން ވިޔަފާރިތަކާއި މާކެޓް ޕްލޭސްގައި ވިޔަފާރިކުރާ ކަމަށް ދައްކައިގެން އުޅޭ މީހުންގެ އަމަލުތައް ދެނެގަންނާނޭ ގޮތާއި އެފަދަ މީހުންގެ މެސެޖުތައް ދެނެގަންނާނޭ ގޮތްތައް ވެސް ކިޔާދީފައިވާ ކަމަށް ވެސް ބުނެއެވެ.
މީގެ އިތުރުން ސްކޭމްގެ މައްސަލަތަކުން ސަލާމަތްވުމަށާއި ކާކުކަން ނޭނގޭ މީހުން ގުޅައިގެން ވިޔަފާރީގެ މުއާމަލާތްކުރާ ނަމަ އެ މީހުން ދައްކާ ވާހަކައަށް ނުހެއްލި ސަމާލުވެ ރައްކާތެރިވެތިބުމަށް ނަސޭހަތްތެރިވެފައިވާ ކަމަށާއި އެފަދަ ފޯނު ކޯލުތަކަށް ޖަވާބުދާރީ ނުވުމަށާއި ތުހުމަތުކުރެވޭ ފަދަ ކަމެއް ފާހަގަކުރެވޭނަމަ އަމަލުކުރާނެ ގޮތްތައް ވެސް ކިޔާދީފައިވާ ކަމަށް ބުނެފައިވެއެވެ. އަދި ވައްކަމުގެ މައްސަލަތަކުން ރައްކާތެރިވުމަށް ފިހާރަތަކުގެ ސަލާމަތާއި ރައްކާތެރިކަން ހުރި މިންވަރު ބަލައި އިތުރަށް ރަނގަޅުކުރަންޖެހޭ ކަމަށް ފުލުހުންނަށް ފާހަގަކުރެވުނު ކަންކަން ބުނެދީފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

