
ހއ. ކެލާގައި މަގު ހަދަމުން ދަނިކޮށް ފާރެއް ވެއްޓި ދުވަސްވީ ދިވެހި ފިރިހެނަކަށް ބޮޑެތި އަނިޔާތަކެއް ލިބިއްޖެއެވެ.
ކެލާ ކައުންސިލްގެ ރައީސް މުހައްމަދު މާލިކު “ދެން”އަށް ވިދާޅުވީ އެ ހާދިސާ ހިނގީ މިއަދު ހެނދުނު ކަމަށެވެ.
އެ ހާދިސާ ހިނގީ އާރުޑީސީން ކެލާގައި ހިންގަމުންދާ މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން މަގު ކޮންނަމުންދަނިކޮށް ފަސްގަނޑު ދޫވެ ހަ ފޫޓުގެ ފާރެއް ވެއްޓިގެން ކަމަށް ވެސް މާލިކު ވިދާޅުވިއެވެ.
އެ ހާދިސާގައި އަނިޔާވީ މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތުގައި އުޅުނު މީހެކެވެ.
އޭނާގެ މޭކަށިގަނޑާއި ފަަލަމަސްގަނޑުގެ ކަށިތައް ބިންދައިގެން ގޮސްފައިވާ އިރު މިހާރު ފަރުވާ ދެމުންދަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައެވެ.
އޭނާގެ ހާލު މިހާރު ސްޓޭބަލް ކަމަށް ވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

