
ރާއްޖޭގައި ސައިޓޯޓޮކްސިކް ކުނި ނުވަތަ ސިއްހީ ގޮތުން އުފެދޭ ނުރައްކާތެރި ކުނި ރައްކާތެރިކަމާ އެކު މެނޭޖުކޮށް ނައްތާލަން އައްޑޫގައި ފެސިލިޓީއެއް ގާއިމުކުރަން ނިންމައި އެ މަސައްކަތް ވެމްކޯއާ ހަވާލުކޮށްފިއެވެ.
މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވަނީ އެކަމާ ގުޅޭ އެއްބަސްވުމެއްގައި އެންވަޔަރަމަންޓް މިނިސްޓްރީއާއި ވެމްކޯއާ ދެމެދު ވަނީ ސޮއިކޮށްފައެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ އެ ފެސިލިޓީ ގާއިމުކުރުމުން ކެންސަރު ބައްޔަށް ދެވޭ ކީމޯތެރަޕީގެ ފަރުވާގެ ހިދުމަތްތަކުން އުފެދޭ ނުރައްކާތެރި ކުނި އެކަށީގެންވާ ގޮތެއްގައި މެނޭޖުކުރުމަށް ރާއްޖެއަށް ފުރިހަމަ ހައްލެއް ލިބިގެންދާނެ ކަމަށެވެ.
އޭގެ އިތުރުން މި ނިޒާމުގެ ސަބަބުން ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި، ކުނި އުކާލުމުގައި ހަރަކާތްތެރިވާ މުވައްޒަފުންނާއި، އާންމު ރައްޔިތުން އަދި ރާއްޖޭގެ ނާޒުކު ތިމާވެށި، ސައިޓޯޓޮކްސިކް ކުނީގެ ސަބަބުން ކުރިމަތިވެދާނެ ސިއްހީ އަދި ތިމާވެށީގެ ނުރައްކާތަކުން ރައްކާތެރިކޮށްދިނުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ވެސް ބުންޏެވެ.
މިއީ “ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ’ (ޖީ.އީ.އެފް)ގެ މާލީ އެހީތެރިކަމާ އެކު، ‘ރިވިއު އެންޑް އަޕްޑޭޓް އޮފް ދަ ނޭޝަނަލް އިމްޕްލިމެންޓޭޝަން ޕްލޭން ފޯ ދަ ސްޓޮކްހޯމް ކޮންވެންޝަން އޮން ޕާސިސްޓަންޓް އޯގަނިކް ޕޮލިއުޓަންޓްސް އިން މޯލްޑިވްސް” މަޝްރޫއުގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ.

