
ކެނަބިސް ޓްރެފިކްކުރި ދިވެއްސަކު 25 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިދިޔަ ހޯމަ ދުވަހު ހުކުމްކޮށްފިއެވެ.
މި ހުކުމް ކުރީ ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި ހަ ކިލޯއަށްވުރެ ގިނަ ކެނަބިސް އަތުލައިގަތް މައްސަލައިގެ ކުށް ސާބިތުވުމާ ގުޅިގެން، ގދ. ވާދޫ، އަސްރަފީގެ، އުމުރުން 49 އަހަރުގެ މުޙައްމަދު ޝަރީފް 100،000 ރުފިޔާއިން ޖޫރިމަނާކުރުމާ އެކު 25 އަހަރަށް ޖަލަށްލުމަށެވެ.
ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ހާއްސަ ހަރަކާތެއްގެ ތެރެއިން އޭނާ ހައްޔަރުކޮށް ދައުލަތުން އުފުލި ދައުވާގެ ޝަރީއަތަށްފަހު ކޯޓުން މި މައްސަލަ ނިންމީ ޝަރީފްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅައިފައެވެ. ކޯޓުން އޭނާގެ މައްޗަށް އިއްވި 25 އަހަރުގެ ޖަލު އަދަބުން، ތަހުގީގާއި ޝަރީއަތުގެ މަރުހަލާގައި ބަންދުގައި ހޭދަކުރި ދުވަސްތައް އުނިކުރުމުން ދެން ތަންފީޒުކުރަން ޖެހޭނީ 23 އަހަރާއި 6 މަހާއި 22 ދުވަހުގެ މުއްދަތެކެވެ. މީގެ އިތުރުން ދައުލަތަށް ދައްކަންޖެހޭ ޖޫރިމަނާގެ ފައިސާ، ސެޕްޓެމްބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައި މީރާއަށް ދައްކައި ޚަލާޞްކުރުމަށް ވެސް ވަނީ އަންގާފައެވެ.
މި މައްސަލައިގައި ހިމެނޭ މަސްތުވާތަކެތި ފެނިފައި ވަނީ ހުޅުމާލޭގައި ހުންނަ އެންސިސް ފިޝަރީޒްގެ މުވައްޒަފުން ތިބޭ އަދި މެއިންޓަނަންސް މަސައްކަތްކުރާ އިމާރާތެއްގެ ތެރެއިންނެވެ. ޝަރީފްއާ ދެކޮޅަށް ހުށަހެޅި ހެކިތަކުގެ ތެރޭގައި، މަސްތުވާތަކެތި ބަންދުކޮށްފައި ހުރި ހޮޅިއަކާއި، އެ ސަރަހައްދުން ފެނުނު ކިރާ ކައްޓާއަކުން ފެނުނު އޭނާގެ ފިންގަޕްރިންޓް ހިމެނެއެވެ. މަސްތުވާތަކެތި ފެނުނު ސަރަހައްދަކީ ގިނަ ބަޔަކު ވަދެނުކުމެ އުޅޭ ތަނެއް ކަމުގައިވިޔަސް، ހެކިންގެ ބަހުން އެއީ ޝަރީފް ވެސް ވަދެއުޅޭ ތަނެއްކަން ޝަރީއަތަށް ވަނީ ސާބިތުވެފައެވެ. ހަމައެހެންމެ، ޑްރަގް އަޅާފައި ހުރި ފުޅިތަކާ އެއްގޮތް ބްރޭންޑެއްގެ ފުޅިތަކެއް ފިހާރައަކުން އޭނާ ގަންނަ މަންޒަރު ފެންނަ ވީޑިއޯ ފުޓޭޖެއް ވެސް ދައުލަތުން ހެކީގެ ގޮތުގައި ހުށަހެޅިއެވެ.
ނަމަވެސް އެ ސަރަހައްދުގެ އެހެން ތަންތަނުން ފެނުނު މަސްތުވާތަކެއްޗާއި އޭނާއާ ސީދާ ގުޅުވައިދޭނެ އިތުރު ހެކި ނެތްކަމަށް ކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވެއެވެ.

