
އާއިލާތަކަށް އުފާވެރި މާޙައުލެއް ހޯދައިދިނުމުގެ މަޤްޞަދުގައި ނ. ކެނދިކުޅުދޫގެ ކުޅުދޫ އަވަށުގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކުގެ ހުރިހާ މަސައްކަތެއް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އިން އެއްކޮށް ފުރިހަމަކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އެ ރަށުގެ ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުފުޅާ އެއްގޮތަށް، ދައުލަތުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)ގެ ދަށުން ކުރިއަށްގެންދިޔަ މި މަޝްރޫޢަށް ގާތްގަނޑަކަށް 420،000 ރުފިޔާ ހޭދަވެފައިވާކަމަށް ކޮންޓްރެކްޓަރ އާރްޑީސީން މަޢުލޫމާތުދެއެވެ.
ސަރުކާރާއި އެ ކުންފުންޏާ ދެމެދު މިއަހަރުގެ މާރިޗު މަހުގެ 29ވަނަ ދުވަހު ވެވުނު އެއްބަސްވުމުގެ ދަށުން ކުރެވުނު މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، ޕާކު ހިމެނޭ ސަރަޙައްދު އެއްވަރުކޮށް ލޭންޑްސްކޭޕްކުރުމާއި، ކުޅޭ ސާމާނުތައް ހަރުކުރުން ހިމެނެއެވެ. މި ތަނުގެ ސަބަބުން ކުޑަކުދިންނާއި ބެލެނިވެރިންނަށް ހިތްހަމަޖެހުމާއެކު ވަގުތު ހޭދަކޮށްލެވޭނެ ރައްކާތެރި މާޙައުލެއް ކަށަވަރުވެގެންދާނެކަމުގެ ޔަޤީންކަން އެ ކުންފުނިންދެއެވެ.
މި މަޝްރޫޢު ހިންގުނު ކެނދިކުޅުދޫއަކީ ތާރީޚީ ގޮތުން ބަލާއިރު “ކެނދިކޮޅު” އަދި “ކުޅުދޫ”ގެ ނަމުން ދެ ރަށެއްގެ ގޮތުގައި އޮތް ތަނެކެވެ. ނަމަވެސް، އެއް ފަސްގަނޑަކަށް ވުމުން، ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި މި ދެ އަވަށް ގުޅުވާލައި އެއީ އެއް ރަށްކަމުގައި ކަނޑައަޅައި، މިހާރު ކިޔާ ނަމަށް ވަނީ ބަދަލުކުރައްވާފައެވެ.

