
އީގަލްސް ހިލްސްއާއެކު ސަރުކާރުން ވެފައިވާ އެއްބަސްވުމުގެ ދަށުން، ފަތުރުވެރިކަމުގެ ބޭނުމަށް ބިން ދޫކުރާ އާންމު އުސޫލަށްވުރެ އެތައް ގުނައެއް ބޮޑު އާމްދަނީއެއް ދައުލަތަށް ލިބޭނެކަމަށާއި، ޕްރީމިއަމްގެ ގޮތުގައި އެކަނިވެސް 3.1ބިލިއަން އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 47.8ބިލިއަން ރުފިޔާ)ދައުލަތަށް ކަށަވަރުވެފައިވާކަން ސަރުކާރުން ބުނެފިއެވެ.
ސަރުކާރުން މި މުހިންމު ތަފާސްހިސާބުތައް ހާމަކޮށްފައިވަނީ، ރަސްމާލެ މަޝްރޫޢާ ގުޅޭގޮތުން އޮޅުންފިލުވުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ)ހުށަހެޅުއްވި ސުވާލުތަކަށް ކަމާބެހޭ މިނިސްޓްރީން ދިން ތަފްސީލީ ޖަވާބުގައެވެ.
ހައުސިން މިނިސްޓްރީން ކުޑޫއަށް ފޮނުވި ސިޓީގައިވާ ގޮތުން ސަރުކާރުން ކްރޮސް ސަބްސިޑީ އުސޫލުން ޢަމަލުކުރި ފޯމިއުލާއަށް ބަލާއިރު، ރަސްމާލޭގެ 500ހެކްޓަރުގެ ބިން ޓޫރިޒަމް އުސޫލުން 99އަހަރަށް ކުއްޔަށް ދިންނަމަ، ދައުލަތަށް އެންމެ ގިނަވެގެންވެސް ލިބޭނީ 514މިލިއަން އެމެރިކާ ޑޮލަރުކަމަށް ވަނީ ފާހަގަކޮށްފައެވެ. ނަމަވެސް އީގަލްސް ހިލްސްއަށް ރަސްމާލެ ހަވާލުކުރީ ޕްރައިވެޓް ސެކްޓަރ އިނީޝިއޭޓެޑް ޕްރޮޕޯސަލް (ޕީއެސްއައިޕީ)އުސޫލުންކަމަށްވާއިރު، މި އެއްބަސްވުމުގެ ދަށުން ދައުލަތަށް ލިބޭ މާލީ މަންފާ މާބޮޑެވެ. އޭގެ ތެރޭގައި:
3.1ބިލިއަން ޑޮލަރުގެ ޕްރީމިއަމް – ޑިވެލޮޕަރަށް ލިބޭ ޖުމްލަ އާމްދަނީގެ %10ދައުލަތަށް ލިބޭނެއެވެ. މިއީ ގާތްގަނޑަކަށް 10އަހަރު ދުވަހުގެ ތެރޭގައި ލިބޭނެ 3.1ބިލިއަން ޑޮލަރެވެ.
500މިލިއަން ޑޮލަރުގެ އެޑްވާންސް – ހުޅުމާލޭގައި ސަރުކާރުން އިމާރާތްކުރާ 5,000ހައުސިންގ ޔުނިޓަށް ބޭނުންވާ 500މިލިއަން ޑޮލަރު އެޑްވާންސްކޮށް ލިބޭނެއެވެ. މީގެ ސަބަބުން ދައުލަތުގެ ބަޖެޓުން އެއްވެސް ޚަރަދެއް ކުރާކަށް ނުޖެހޭނެއެވެ.
ޓެކްސްގެ އާމްދަނީ – ވިއްކާ ކޮންމެ ޔުނިޓެއްގެ މާކެޓު އަގުގެ %4ޓެކްސްގެ ގޮތުގައި ސަރުކާރަށް ލިބޭނެއެވެ.
ޑިއުޓީ މަޢާފު ނުކުރުން – ޓޫރިޒަމްގެ ބޮޑެތި މަޝްރޫޢުތަކާ ޚިލާފަށް، މި މަޝްރޫޢަށް އެތެރެކުރާ އެއްވެސް މުދަލަކުން އިމްޕޯޓް ޑިއުޓީ މަޢާފެއް ނުކުރާނެއެވެ.

