
ކުޑަކުދިން މެދުވެރިކޮށް މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ގއ. ވިލިނގިލިން ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މިދިޔަ މަހުގެ 28ވަނަ ދުވަހު ގއ. ވިލިނގިލި ޕޮލިހާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހައްޔަރުކުރީ ތެންސް / ގއ. ވިލިނގިލި، މުހައްމަދު އަތޫފް ހަބީބް (25އ)އާއި ދެތަޑިމާގެ / ގއ. ވިލިނގިލި، މުހައްމަދު ރާއިފް ހުސައިން (20އ)އެވެ.
ފުލުހުން ބުނީ އެ ދެ މީހުން ހައްޔަރުކުރަން ހިންގި އޮޕަރޭޝަންގައި ހަތަރު ގެއެއް ބަލައިފާސްކޮށް، ޖުމްލަ 66.92ގްރާމް މަސްތުވާތަކެތި ހޯދި ކަމަށެވެ. އޭގެ ތެރޭގައި 53.91ގްރާމް ބްރައުން ޝުގާ އާއި 13.01ގްރާމް މެތަފެޓަމިން ހިމެނެއެވެ.
އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަތޫފް 15ދުވަހަށް ބަންދު ކުރުމަށް އަދި މުޙައްމަދު ރާއިފް ހުސައިން 10ދުވަހަށް ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރު ކޮށްފައެވެ.
އެ އޮޕަރޭޝަނަކީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނު 17/2011އަށް އަލަށް ގެނެވުނު އިސްލާހުތަކުގެ ތެރެއިން، މަސްތުވާތަކެތި ޓްރެފިކް ކުރުމުގައި އެކްސްޕްލޮއިޓްކުރެވޭ ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދީ އެ މީހުން އެކަމުން ދުރަށް ގެންދެވޭނެ ގޮތްތައް ހޯދުމުގެ މަގުސަދުގެ އިތުރުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު 19/2019ގެ 122ވަނަ މާއްދާގެ ދަށުން ކުޑަކުދިން އެކްސްޕްލޮއިޓްކުރުމުގެ ކުށްތަކުން ސަލާމަތްކޮށް ރައްކާތެރިކުރުމުގެ މަސައްކަތުގެ ތެރެއިން ހިންގުނު އޮޕަރޭޝަނެއްކަމަށް ފުލުހުން ބުންޏެވެ.

