
ކުޑަކުދިންނާއި އަދި އާއިލާގުޅޭ މައްސަަލަތައް ތަހުގީގުކުރަން ފުލުހުންނަށް ހާއްސަ ކޯހެއް ފަށައިފިއެވެ.
“ފެމެލީ އެންޑް ޗައިލްޑް ސެންޓަރޑް އިންވެސްޓިގޭޝަން”ގެ ނަމުގައި ކުރިއަށް ގެންދާ އެ ކޯސް ކުރިއަށް ގެންދަނީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމެޓްގެ ސެންޓަރ ފޯ އިންވެސްޓިގޭޝަން، ކްރައިމް އެންޑް ޖަސްޓިސްއާއި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްއާ ގުޅިގެންނެވެ.
އިއްޔެއިން ފެށިގެން މި މަހުގެ 25އަށް ކުރިއަށްގެންދާ މި ކޯހުގައި ތަހުގީގުކުރާ 26ފުލުހުން ބައިވެރިވެއެވެ.
މި ކޯހުގައި، ކުޑަކުދިންނާ ގުޅުންހުރި މައްސަލަތަކާއި، އާއިލީ މައްސަލަތައް ތަހުގީގުުކުރުމުގައި ހާއްސަ އިސްކަމެއްދީ އަދި ސަމާލުކަންދޭންޖެހޭ ކަންތައްތައް އުނގަންނައިދިނުމަށް ކުލާސްތައް ކުރިއަށް ގެންދާނެއެވެ. އެގޮތުން، ކުޑަކުދިންނާ ގުޅުންހުރި ގާނޫނުތަކާއި ގަވާއިދުތަކާއި ފުރިހަމަކުރަންޖެހޭ އިޖުރާއަތްތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރާނެއެވެ.
އަދި ކުޑަކުދިންނާއި އާއިލީ މައްސަލަތަކުގައި، ތަހުގީގުގެ ތެރެއިން އިންޓަވިއުކުރާނެ ގޮތްތަކުގެ އިތުރުން ކުޑަކުދިންގެ ހެދިބޮޑުވުމަށް އަންނަ ބަދަލުތައް ދެނެގަންނާނެ ގޮތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ކުލާސްތައް ކުރިއަށް ގެންދާނެއެވެ.

