
މިއަދު ރާއްޖޭގެ މިސްކިތްތަކުގައި އިއްވި ހުކުރު ޚުޠުބާގައި، ކުޑަކުދީންނަކީ މާތްﷲ މައިންބަފައިންނާ ޙަވާލުކުރައްވާފައިވާ ވަރަށް ބޮޑު އަމާނާތެއްކަމާއި ހަދިޔާއެއްކަން ފާހަގަކޮށް، އެ ކުދީންނަށް އަޅައިލުމާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ މުޅި މުޖުތަމަޢުގެ މައްޗަށް އޮތް ދީނީ އަދި އިޖުތިމާޢީ ވާޖިބެއްކަމަށް ގޮވާލައްވައިފިއެވެ.
“ކުޑަކުދީންގެ ޙައްޤުތައް” މި މައުޟޫޢުއަށް އަލިއަޅުވައިލި މިއަދުގެ ޚުޠުބާގައި ވަނީ، ކުޑަކުދީންނަށް އިހުމާލުވެ އެކި ބާވަތުގެ އަނިޔާކުރާ ފަރާތްތަކަށް، ޚާއްޞަކޮށް އެފަދަ ލާއިންސާނީ ޢަމަލުތައް ހިންގާ މައިންބަފައިންނަށް އިސްލާމީ ޝަރީޢަތާއި ރާއްޖޭގެ ޤާނޫނުތަކުގެ ތެރެއިން ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދިނުމަށް ކަމާބެހޭ އެންމެހައި މުއައްސަސާތަކަށް އިލްތިމާސްކޮށްފައެވެ. ފާއިތުވި ހަފުތާގައި ރާއްޖޭގައި ހިނގައިދިޔަ ހިތާމަވެރި ދެ ޙާދިސާއެއްކަމަށްވާ، އެކްސިޑެންޓެއްގައި ލިބުނު އަނިޔާތަކަކަށް ފަރުވާދެމުން ދަނިކޮށް ނިޔާވި ކުއްޖާއާއި، އިމާރާތަކުން ވެއްޓި ފުރާނަ ދިޔަ ތުއްތު ކުއްޖާގެ މަތީން ހަނދާންކޮށް، ޚުޠުބާގައި ވަނީ އެ މައުސޫމު ކުދީންގެ ޢާއިލާތަކަށް ކެތްތެރިކަން ދެއްވުން އެދި ދުޢާކޮށްފައެވެ.
ކުދީންނަށް އެންމެ ފުރިހަމަ ޙިމާޔަތް ލިބިގެންދާނީ ބަދަހި ޢާއިލީ ގުޅުމެއްގެ ތެރެއިންނާއި ހަރުދަނާ މުޖުތަމަޢެއްގެ ތެރެއިންކަން ފާހަގަކުރައްވައި، ދަރީންނަށް ރަނގަޅު ނަމެއް ކިޔުމާއި، ތަފާތުކުރުމާއި ގަނާކުރުން ފަދަ ނޭދެވޭ ކަންކަމުން އެ ކުދީން ސަލާމަތްކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއްކަން ޚުޠުބާގައި ބަޔާންކުރިއެވެ. އަދި ތަޢުލީމާއި އަޚުލާޤުގެ އިތުރުން ރޫޙާނީ ގޮތުން ދަރީން ތަރުބިއްޔަތު ކުރުމުގެ މުހިންމުކަމަށް ވެސް އަލިއަޅުވައިލިއެވެ. މިގޮތުން، ޅަފަތުގައި ފަރުޟު ފަސް ނަމާދަށް ކުދީން ހޭނުވުމަށާއި، ބޭނުންޖެހިއްޖެ ޙާލަތެއްގައި އަދަބުދީގެން ނަމަވެސް ދީނީ ޝިޢާރުތަކަށް އަހުލުވެރިކުރުވުމަށް މައިންބަފައިންނަށް ނަސޭހަތްތެރިވިއެވެ.
ބައިނަލްއަޤުވާމީ މުޢާޙަދާތަކާއި ޒަމާނީ ޤާނޫނުތައް ވުޖޫދަށް އައުމުގެ މާކުރީން، އިސްލާމްދީނުގައި ކުޑަކުދީންގެ ޙައްޤުތައް އެންމެ ފުރިހަމަ ގޮތުގައި ކަށަވަރުކޮށްދީފައިވާކަން މިއަދުގެ ޚުޠުބާގައި ހަނދާންކޮށްދިނެވެ. ކުޑަކުދީންނަކީ ﷲ ދެއްވާފައިވާ އަގުހުރި ހަދިޔާއަކަށް ވީހިނދު، އެއްވެސް އޯގާތެރިކަމެއް އަދި ހަމްދަރުދީއެއް ނެތި އެ ކުދީންނަށް އަނިޔާވެރިވާ މީހުން އަހަރެމެންގެ މުޖުތަމަޢުގައި އުޅޭކަމީ ނުހަނު ކަންބޮޑުވާންޖެހޭ ހިތާމަހުރި ކަމެއްގެ ގޮތުގައި ޚުޠުބާގައި ވަނީ ސިފަކޮށްފައެވެ.

