
ޤައުމުގެ ފޮނި ކުރިމަގު ބިނާވެފައި ވަނީ ކުޑަކުދިންނަށް ކަށަވަރުކޮށްދެވޭ ރައްކާތެރިކަމާއި އޯގާތެރިކަމުގެ މައްޗަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުންދާ ޤައުމީ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާ އެކްސް މެދުވެރިކުރައްވައި ދެއްވި އެ ކަމަނާގެ ޚާއްޞަ މެސެޖެއްގައި ފާހަގަކުރެއްވި ގޮތުގައި، ޞާލިޙު އަދި ހެޔޮލަފާ ޖީލެއް ބިނާވަމުންދާ ޤައުމެއްގެ މުސްތަޤުބަލާމެދު ކަންބޮޑުވެ މާޔޫސްވާންޖެހޭ އެއްވެސް ސަބަބެއް ނޯންނާނެއެވެ. އަދި މުޖުތަމަޢުގެ ފަރާތުން ކުދިންނަށް ބޭނުންވާ ފުރިހަމަ އަޅައިލުމާއި ޙިމާޔަތް ލިބެމުންދާހާ ހިނދަކު، ކުރިމަގާމެދު ކުރެވޭ ފޮނި އުންމީދުތައް ޙަޤީޤަތަކަށް ވެގެންދާނެކަން އެކަމަނާ ވަނީ ޔަޤީންކޮށްދެއްވާފައެވެ. މީގެ އިތުރުން، މި އުފާވެރި މުނާސަބަތުގެ ތަހުނިޔާ ރާއްޖޭގެ އެންމެހާ ކުޑަކުދިންނަށާއި އެ ކުދިންގެ ޢާއިލާތަކަށް އެކަމަނާ ވަނީ އަރިސްކުރައްވާފައެވެ.
ހެޔޮލަފާ ދަރީންތަކެއް ހެދި ބޮޑުވަމުންދާ ޤައުމެއްގެ މުސްތަޤްބަލާމެދު މާޔޫސްކަމެއް ނެތް. ކުޑަކުދީންނަށް އަޅަައިލާ، އޯގާތެރިކަމާއެކު ޙިމާޔަތް ދެމުން ދާހައި ހިނދަކު ކުރިމަގަށް ކުރާ އުންމީދު ދާނީ ހަގީގަތަކަށް ވަމުން.
ދިވެހި ލޮބުވެތި ކުޑަކުދިންނަށާއި ޢާއިލާތަކަށް މި އުފާވެރި ދުވަހުގެ… pic.twitter.com/jRVBaD4Lxi
— First Lady Sajidha Mohamed (@sajidhaamohamed) May 10, 2026
ދިވެހިރާއްޖޭގައި ކޮންމެ އަހަރެއްގެ މެއި މަހުގެ 10ވަނަ ދުވަސް ޚާއްޞަކޮށްފައި ވަނީ ޤައުމީ ފެންވަރެއްގައި ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށެވެ. މި އަހަރުގެ ކުޑަކުދިންގެ ދުވަހަށް ކަނޑައަޅާފައިވާ ރަސްމީ ޝިޢާރަކީ “އާއިލީ ހަމަޖެހުން، ކުދިންގެ ދުޅަހެޔޮކަން” މިއެވެ.

