
ފެނަކަ ކޯޕަރޭޝަންގެ ކުރީގެ ވެރިން، ކުންފުންޏަށް މުދާ ހޯދުމުގެ ނިޒާމުގެ ތެރެއިން އަމިއްލަ މަންފާއަށް ހިންގާފައިވާ ދޯދިޔާ އަމަލުތަކެއްގެ ސަބަބުން، އެ ކުންފުންޏަށް މާލީ ގޮތުންނާއި ހިންގުމުގެ ގޮތުން ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހިއްޖެއެވެ.
އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އަފީފު ޙުސައިން ހދައުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި ފާހަގަކުރެއްވި ގޮތުގައި، ކުންފުނީގެ ފައިދާއަށްވުރެ ބޮޑަށް ވަކި ބައެއްގެ މަސްލަހަތު އިސްކޮށްގެން މާޒީގައި ކޮށްފައިވާ މުއާމަލާތްތަކުގެ ނަތީޖާއަކީ މަރާމާތުގެ ޚަރަދުތައް އިންތިހާއަށް އުފުލިގެން ދިއުމެވެ. އަދި ބޭނުންކުރަން ނުޖެހޭ ފަދަ ދަށް ފެންވަރުގެ ތަކެތި ގަނެފައިވާކަން ކުންފުނީގެ އިންޖިނިއަރުންނަށް ފާހަގަކުރެވިފައިވާއިރު، ވަޒީފާއިން ވަކިވެފައިވާ މުވައްޒަފުންގެ ނަމުގައި ސައްހަނޫން ލިޔެކިޔުންތައް ހަދައިގެން ފައިސާ ހޯދަން މަސައްކަތްކޮށްފައިވާކަން ކަންބޮޑުވުމާ އެކު އޭނާ ފާހަގަކުރެއްވިއެވެ. މި މައްސަލަތައް ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީތަކާ ހަމައަށް ވެސް މިހާރު ވަނީ ތިލަވެފައެވެ.
މީގެ އިތުރުން، ސަޕްލަޔަރުންނާ އެކު ވެފައިވާ އެއްބަސްވުންތަކާ ޚިލާފަށް ބައެއް ފަރާތްތަކުން އަމަލުކުރާކަން ފާހަގަކުރައްވައި އަފީފު ވިދާޅުވީ، އޮރިޖިނަލް މުދަލުގެ ބަދަލުގައި އެހެން ތަކެތީގައި އޮރިޖިނަލް ލޭބަލް ޖަހައިގެން ފޯރުކޮށްދީފައިވާ މައްސަލަތަކެއްވެސް ފެންމަތިވެފައިވާ ކަމަށެވެ. ފެނަކައަކީ ރައްޔިތުންނަށް ކަރަންޓާއި ފެނުގެ އަސާސީ ޚިދުމަތްތައް ފޯރުކޮށްދޭ މައިގަނޑު އެއް ކުންފުންޏަށް ވުމާ އެކު، މުދާ ލިބުން ލަސްވުމާއި ފެންވަރު ދަށްވުމުގެ ސީދާ ނޭދެވޭ އަސަރު ފޯރަނީ އާންމު ރައްޔިތުންނަށެވެ.
މިފަދަ ފަސާދައިގެ އަމަލުތަކަށް ހުޅުވިފައިވާ އެންމެހާ ދޮރުތައް މުޅިން ބަންދުކުރުމަށްޓަކައި، ކުންފުނީގެ ޕްރޮކިއުމަންޓް އުސޫލުތަކަށް އިންގިލާބީ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ފެނަކައިން މިހާރު ވަނީ ފަށާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅުގެ މަތިން ހިންގުން ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، މުސްތަގުބަލުގައި ދިމާވެދާނެ ކަށަވަރުނުވާ ހާލަތްތަކަށް ތައްޔާރުވުމުގެ ގޮތުން ކުންފުންޏަށް ބޭނުންވާ ސްޕެއަރޕާޓްސް ދުރާލާ ހޯދައި ރައްކާކުރެވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމަށް ވެސް އެ ކުންފުނިން ދަނީ މަސައްކަތް ކުރަމުންނެވެ.

