
ރާއްޖޭގައި ކުރީގައި ވެރިކަންކުރި ވެރިންނަށް 5 އަހަރުގެ ދައުރަކުން ނުގެނެވުނު ހެޔޮބަދަލު މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުން ފެންނާނެ ކަމަށް އެ ޕާޓީގެ ޑެޕިއުޓީ ޕީޖީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވެއްޖެއެވެ.
ވެރިކަންކުރާ މައި ޕާޓީ، ޕީއެންސީގެ ޖަގަހައިގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން، ޕީއެންސީއަކީ މިހާރު 77،000 މެންބަރުންނާ އެކު ރާއްޖޭގެ އެންމެ ކުރީ ސަފުގައި އޮތް ސިޔާސީ ޕާޓީކަން ފާހަގަކުރައްވައި މުޙައްމަދު ވިދާޅުވީ، އެ ކާމިޔާބީގެ ސިއްރަކީ ޕާޓީގެ އިސް ސަފުގައި ރައްޔިތުންނާ ގާތުން މަސައްކަތްކުރައްވާ ބޭފުޅުން ތިއްބެވުން ކަމަށެވެ. އަދި އިދިކޮޅުގައި އެ ޕާޓީ އޮތް ދުވަސްވަރު އުފުލި ތަކުލީފުތައް ހަނދާންކުރައްވަމުން އޭނާ ވަނީ، ސަރުކާރާއި ރައްޔިތުންނާ ދެމެދު ފިތުނަ އުފެއްދުމަށް އިދިކޮޅު ފަރާތްތަކުން މިހާރު ވެސް މަސައްކަތްކުރަމުންދާކަމަށް ތުހުމަތުކުރައްވާފައެވެ.
ރައީސް މުޢިއްޒުގެ ތަސައްވުރަށް ތައުރީފުކުރައްވަމުން މެމްބަރު ވިދާޅުވީ، ކުރީގެ ސަރުކާރުތަކުން ހަމައެކަނި ވާހަކަދެއްކުމަށް ފަހު ދޫކޮށްލާފައިވާ ބޮޑެތި މައްސަލަތަކަށް މި ސަރުކާރުން އަމަލީގޮތުން ހައްލު ހޯދައިދެމުންދާ ކަމަށެވެ. މީގެ އެއް މިސާލެއްގެ ގޮތުން، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް މިހާރު ލިބެމުންދާ ކުރިއެރުންތައް ތަފާސްހިސާބުތަކުން ސާބިތުވާކަން އޭނާ ފާހަގަކުރެއްވިއެވެ.
އެހެންކަމުން، ގައުމަށް ތަރައްގީ ގެނެސްދެމުންދާ މި ސަރުކާރު ދެމެހެއްޓުމަށްޓަކައި، 2028ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރައީސް މުޢިއްޒަށް ކާމިޔާބުކޮށްދިނުމަށް ޕާޓީން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަލުވިކުރުމަށް މުޙައްމަދު އިސްމާޢީލް ވަނީ ގޮވާލައްވާފައެވެ.

