
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމްވެސް އެމްޑީޕީގެ ރިޔާސީ ޓިކެޓްއަށް ޝައުގުވެރިކަން ފާޅުކުރައްވައިފިއެވެ.
އެމްޑީޕީގެ ރިޔާސީ ޓިކެޓްއަށް ޝައުގުވެރިކަން އޮތްކަން ފައިސަލް ހާމަކުރެއްވީ އަދަދު ނޫހުގެ “އެތެރެފުށް”ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން ގައުމާ ދޭތެރޭ ދެކޭ އުއްމީދުތަކެއް އެބަހުރި ކަމަށާއި އެހެންވެ ޓިކެޓްއަށް ޝައުގުވެރިކަން އެބައޮތްކަން އޭނާ ހާމަކުރެއްވިއެވެ.
އަދި އެ ރިޔާސީ ޓިކެޓަށްޓަކައި މަސައްކަތް ކުރަމުންދާކަން ވެސް ފާހަގަކުރެއްވިއެވެ.
އަދި ނިމިގެން ދިޔަ ރިޔާސީ އިންތިހާބާ ހިލާފަށް އެމްޑީޕީ ބައިބައިނުވެ އޮވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ކުރީގެ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހު އެކުގައި ތިބެގެން ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމްޑީޕީއަށް ނެގޭނެކަމަށް ވެސް ދެކެޑަވައިގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެމްޑީޕީގެ ރިޔާސީ ޓިކެޓްއަށް ޝައުގުވެރިކަން ފައިސަލް ފާޅުކުރެއްވި އިރު އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވެސް ވަނީ ޓިކެޓްއަށް ޝައުގުވެރިކަން އޮތްކަން ފާޅުކުރައްވައިފައެވެ.
އޭގެ އިތުރުން ކުރީގެ ރައީސް ސޯލިހު އަދި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދުވެސް ވާދަކުރައްވާނެކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ.

