
ކުރިއަށް އޮތް ހަފްތާ ބަންދު މުޅި ރާއްޖެއަށް ވިއްސާރަކޮށް، މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ، މޫސުމާ ބެހޭ ގައުމީ އިދާރާއިން އެންމެހާ ފަރާތްތަކުން ސަމާލުވުމަށް މިއަދު އިލްތިމާސްކޮށްފިއެވެ.
މެޓް އޮފީހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މިއަދާއި މާދަމާގެ އިތުރުން ކުރިއަށް އޮތް ހުކުރު އަދި ހޮނިހިރު ދުވަހު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހޭނެއެވެ. ޚާއްސަ ގޮތެއްގައި ހުކުރު ދުވަހު ވައިބާރުވެ، ކަނޑުތައް ގަދަވާނެކަމަށް ވަނީ ލަފާކޮށްފައެވެ. ނަމަވެސް، އާދިއްތަ ދުވަހުން ފެށިގެން މޫސުން މަޑުމަޑުން ރަނގަޅުވާން ފަށާނެ ކަމަށް އެ އިދާރާއިން ހާމަކުރެއެވެ.
ވައިގެ މިސްރާބާއި ބާރުމިނަށް ބަލާއިރު، ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެކަމަށް ލަފާކުރެވޭ ކަމަށާއި އެހެން ސަރަހައްދުތަކަށް ހުޅަނގާއި ހުޅަނގުދެކުނުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓުން ލަފާކުރެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވުމަކީ އެކަށީގެންވާ ކަމެއްކަމަށް ވެސް މެޓުން ފާހަގަކުރެއެވެ.
ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވި ނަމަވެސް، އެހެން ސަރަހައްދުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެއެވެ. ރާޅުގެ އުސްމިން ހުރިހާ ސަރަހައްދެއްގައި ވެސް ހުންނާނެކަމަށް ބެލެވެނީ ދެ ފޫޓާއި ފަސް ފޫޓާ ދެމެދުގައެވެ. ބައެއް ރަށްރަށަށް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ކުރާނެ ކަމަށް ވެސް މެޓު އޮފީހުން މައުލޫމާތުދެއެވެ.

