
ޖިނާއީ ބޮޑެތި ކުށްތަކަށް އަރައިގަނެގެން ނުހައްގުން ހޯދާ މާލީ މަންފާތައް ހުއްޓުވުމުގެ މަގުސަދުގައި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މުހިންމު ބިލު، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 56 މެމްބަރުންގެ އިއްތިފާގުން މިއަދު ބަލައިގަނެ، އިތުރަށް ދިރާސާކުރުމަށްޓަކައި ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.
ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ޢަލީ ފަޒާދު ސަރުކާރުގެ ފަރާތުން މަޖިލީހަށް ވެއްދި މި ބިލުގެ މައިގަނޑު އަމާޒަކީ، ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާއިން މަންފާ ނެގުމުގެ ދޮރުތައް ބަންދުކޮށް، އެފަދަ ތަކެތި ދައުލަތުގެ ބެލުމުގެ ދަށަށް ގެނައުމެވެ. އަދި މި ބިލު ފާސްވެ ޤާނޫނަކަށް ވުމުން، ކުށްކުރުމަށް ބޭނުންކުރާ އާލާތްތަކާއި ކުށުގެ އަމަލުން ހޯދާ ހުރިހާ މުދަލެއް ދައުލަތަށް އަތުލުމުގެ ބާރު ލިބިގެންދާނެއެވެ.
ދައުލަތަށް މުދާ ނެގޭނެ ކުށްތަކުގެ ތެރޭގައި ޓެރަރިޒަމް، މަނީ ލޯންޑަރިންގ، ކޮރަޕްޝަން، މީހުން މެރުން، މަސްތުވާތަކެތީގެ ވިޔަފާރި، އިންސާނީ ވަގުފާރި، ޖިންސީ ކުށްތައް، އަދި ހަތިޔާރު އެތެރެކުރުން ފަދަ އިންތިޒާމުވެގެން ހިންގާ ބޮޑެތި ޖަރީމާތައް ހިމަނާފައިވެއެވެ. މީގެ އިތުރުން ވެސް، 5 ލައްކަ ރުފިޔާއަށްވުރެ މަތީގެ ޓެކްސްއަށް މަކަރުހެދުމުގެ މައްސަލަތަކާއި، އެއް ލައްކަ ރުފިޔާއަށްވުރެ ގިނަ ފައިސާ ހިމެނޭ ވައްކަމާއި ފޭރުމާއި މުދާ ސްމަގްލްކުރުމާއި ޚިޔާނާތުގެ މައްސަލަތަކުގައި ވެސް މި ޤާނޫނުގެ ދަށުން ފިޔަވަޅު އެޅޭނެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ކޯޓުން ކުށް ސާބިތުނުވި ނަމަވެސް، އަދި މި ޤާނޫނު ތަސްދީޤުކުރުމުގެ ކުރިން ނުވަތަ ރާއްޖެއިން ބޭރުގައި ހިންގާފައިވާ ކުށަކަށް ވިޔަސް މުދާ އަތުލުމުގެ އިޚުތިޔާރު މި ބިލުން ދީފައިވެއެވެ. އަދި ދައުލަތަށް މުދާ ނެގުމުގެ އެންމެހާ އިޖުރާއަތްތައް ކުރިއަށް ގެންދަން ވާނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ ލަފަޔާއި އިރުޝާދުގެ މަތިންނެވެ.
މި ޤާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި “އެސެޓް މެނޭޖްމަންޓް އޮތޯރިޓީ”ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ އާ އިދާރާއެއް އުފައްދަވަން ޖެހޭނެކަމަށް ބިލުގައި ބުނެފައިވެއެވެ. މާލީ ވުޒާރާގެ ދަށުން މަޖިލީހަށް ޖަވާބުދާރީވާ ގޮތަށް ހިނގަމުންދާނެ މި މިނިވަން މުއައްސަސާގެ ޒިންމާއަކީ އަތުލައިގަނެވޭ މުދާ ރައްކާތެރިކަމާ އެކު ބެލެހެއްޓުމާއި، އޭގެ އަގު ކަނޑައެޅުމުގެ އިތުރުން ކުށުގެ ޝިކާރައަކަށްވާ ފަރާތްތަކަށް ބަދަލު ނަގައިދިނުމެވެ.
ހަމައެހެންމެ، ބަދަލުދިނުމާއި ކުށް ހުއްޓުވުމުގެ ހަރަދުތައް ހަމަޖެއްސުމަށް 60 ދުވަހުގެ ތެރޭގައި “ރިކަވަރޑް އެސެޓް ފަންޑު”އެއް ގާއިމުކުރަން ވެސް ވަނީ ލާޒިމުކޮށްފައެވެ. ބޭރު ޤައުމުތަކުގައި ފޮރުވާފައި ހުންނަ މުދާ ހޯދުމަށް ބައިނަލްއަޤުވާމީ އެހީތެރިކަމަށް އެދުމުގެ ބާރު ޕީޖީއަށް މި ބިލުން ކަށަވަރުކޮށްދޭއިރު، މި ޤާނޫނު ތަންފީޒުކުރުމަށްޓަކައި ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ވެސް ސަރުކާރުން މިހާރު ވަނީ މަޖިލީހަށް ހުށަހަޅާފައެވެ.

