
ކާރުތަކެއް ހިމެނޭ ގޮތަށް މާލެ ވިޔަފާރި ބަނދަރުގައި ނުގެންގޮސް ގިނަ ދުވަސްތަކެއް ވަންދެން ބަހައްޓާފައި ހުރި މުދާތަކެއް ނީލަމުގައި ވިއްކާލަން ނިންމައި އެ ފުރުސަތު ހުޅުވާލައިފިއެވެ.
މާލެ ވިޔަފާރި ބަނދަރު ހިންގާ ކުންފުނި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން އާންމުކުރި ލިސްޓުގައި ބޭނުންކޮށްފައިވާ ނަމަވެސް އެއްވެސް ވަރެއްގެ ގެއްލުމެއް ނެތް ކާރަކާއި ގެއްލުންތަކެއް ހުރި ތިން ކާރެއް ހިމެނޭ ގޮތަށް ޖުމުލަ ހަތަރު ކާރު ހިމެނެއެވެ. އެ ގޮތުން އެއްވެސް ގެއްލުމެއް ނެތް ކާރަކީ މާސިޑީސް ބެންޒް ކަރެއް ކަން ލިސްޓުން އެނގެއެވެ. ގެއްލުންތަކެއް ހުރި ކާރުތަކުގެ ތެރޭގައި ހިމެނެނީ ނިސާން ޑޭޒް ބްރޭންޑްގެ ދެ ކާރަކާއި ބީއެމްޑަބްލިއު ބްރޭންޑްގެ ކާރެކެވެ.
ދެން ހިމެނޭ މުދާތަކުގެ ތެރޭގައި ލަކުޑި 20 ދޮރުފަތާއި އޭގެ ދޮރުފަތް ހިމެނެއެވެ. އޭގެ އިތުރުން ގިނަ އަދަދެއްގެ އެޖް ބެންޑިން ރޯލުތަކަކާއި ޕާޓިކަލް ބޯޑުތަކެއް ވެސް ނީލަމުގައި ވިއްކާ މުދާތަކުގެ ލިސްޓުގައިވެއެވެ.
އެމްޕީއެލުން ބުނި ގޮތުގައި މުދާ ބެލުމަށް ނަން ނޯޓުކުރުމަށް ހުޅުވާލާފައިވާނީ މި މަހުގެ 21ވަނަ ދުވަހުގެ މެންދުރުފަހު 3:30ގެ ނިޔަލަށެވެ. ނަން ނޯޓުކުރުމަށް އޮކްޝަން ޕޯޓަލް މެދުވެރިކޮށް ރިކުއެސްޓް ހުށަހެޅުމަށް އެމްޕީއެލުން އިރުޝާދު ދީފައިވެއެވެ. ނަން ނޯޓުކުރުމުން މުދާ ބެލުން ކުރިއަށް ގެންދާނީ 21ވަނަ ދުވަހުގެ ހަވީރު 4:30ގައި ކަމަށް ވެސް އެމްޕީއެލުން ބުންޏެވެ.
މުދާ ބެލުމަށް ބަނދަރު ސަރަހައްދަށް ވަދެވޭނީ ސޭފްޓީ ނުވަތަ ރައްކާތެރިކަމުގެ މިންގަނޑުތަކާ އެއް ގޮތަށް ބޫޓަށް އަރައިގެން ކަން އެމްޕީއެލުން ފާާހަގަކުރިއެވެ. އެ ގޮތުން ސޭފްޓީ ޝޫޒް ނުވަތަ އާާދައިގެ ބޫޓާ އެކު ވެސް ވަދެވޭނެކަމަށް އެމްޕީއެލުން ބުންޏެވެ.
މި ނީލަމުގައި ބައިވެރިވެވޭނީ އޮކްޝަން ޕޯޓަލްއަށް ސަބްސްކްރައިބް ކުރާ ފަރާތްތަކަށް ކަމަށް ވެސް އެމްޕީއެލުން ބުންޏެވެ.
ސްކްރެޕްގެ ގޮތުގައި ނީލަމުން ނަގާ މުދާ ހަމައެކަނި ކްލިއާ ކުރެވޭނީ ރީ-އެކްސްޕޯޓް ކުރެވޭ ގޮތަށް ކަމަށާއި މިނިސްޓްރީ އޮފް ޑިފެންސް އިން ނަގަންޖެހޭ ކެމިކަލް ޕާމިޓް ފަދަ ހުއްދަތައް ވެސް ނަގަން ޖެހޭނަމަ ނަގަން ޖެހޭނީ މުދާ ނީލަމުން ނަގާ ފަރާތުން ކަމަށް އެމްޕީއެލުން ބުންޏެވެ. އަދި މުދާ ކްލިއާ ކުރުމަށް ނުވަތަ ނެގުމަށް ދެވޭނީ 10 ދުވަހުގެ ފްރީ ސްޓޯރޭޖް މުއްދަތެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

