
ރާއްޖޭގެ ކާނާގެ ޔަޤީންކަން ކަށަވަރުކުރުމަށް ރާއްޖޭގެ 10ރަށެއްގައި އެގްރޯފޮރެސްޓްރީ ނަމޫނާ ދަނޑުތަކެއް ޤާއިމުކުރުމަށް އެ ރަށްރަށުގެ ކައުންސިލްތަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މިކަމަށްޓަކައި ދަނޑުވެރިކަމާ ބެހޭ ވުޒާރާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ސަރުކާރުގެ ފަރާތުން މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ މުޙައްމަދު ނާއިފްއެވެ. ކައުންސިލްތަކުގެ ފަރާތުން ސޮއިކުރެއްވީ އެ ކައުންސިލްތައް ތަމްސީލުކުރައްވާ މެންބަރުންނެވެ.
އެގްރޯފޮރެސްޓްރީއަކީ އެއް ދަނޑެއްގައި ގަސްގަހާގެއްސާއި އެކި ބާވަތުގެ ދަނޑުގޮވާން އެކީގައި އިންދައިގެން، ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ކުރާ ދަނޑުވެރިކަމުގެ ނިޒާމެކެވެ. މިއީ ދަނޑުވެރިކަމާ ބެހޭ ވުޒާރާއާއި ތިމާވެއްޓާ ބެހޭ ވުޒާރާ ގުޅިގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ ދަށުން އެގްރޯފޮރެސްޓްރީ ދަނޑުތައް ޤާއިމުކުރުމަށް ހަމަޖެހިފައިވާ 10ރަށަކީ:
ހއ. ބާރަށް
ރ. އިނގުރައިދޫ
ކ. ކާށިދޫ
ކ. މާފުށި
ކ. ތުލުސްދޫ
މ. ވޭވަށް
ލ. އިސްދޫ
ގއ. ގެމަނަފުށި
ގދ. ހޯޑެއްދޫ
ގދ. ފިޔޯރީ
މި ޕްރޮގްރާމުގެ ދަށުން ކޮންމެ ރަށެއްގައި 2ހެކްޓަރާއި 4ހެކްޓަރާ ދެމެދުގެ ބޮޑުމިނުގެ ނަމޫނާ ދަނޑުތަކެއް ޤާއިމުކުރެވޭނެއެވެ. މި ދަނޑުތަކުގައި މައިގަނޑު ގޮތެއްގައި ހައްދާނީ ދިގު މުއްދަތަކަށް ހެއްދޭ ގަސްގަހާގެއްސާއި، ކުރު މުއްދަތެއްގައި ހެއްދޭ ކާނާގެ ބާވަތްތަކެވެ. މީގެ ސަބަބުން ރާއްޖޭގައި އުފައްދާ ކާނާގެ ބާވަތްތައް އިތުރުވެ، ރާއްޖެއިން ބޭރުން ތަކެތި އެތެރެކުރުމަށް ކުރާ ޚަރަދު ކުޑަވެގެންދާނެ ކަމަށް ވުޒާރާއިން ބުނެއެވެ.
މީގެ އިތުރުން، ވުޒާރާގެ ފަންނީ ބޭފުޅުންގެ ލަފަޔާއެކު ކައުންސިލްތަކުން ހިންގާ މި ދަނޑުތަކުގެ ސަބަބުން، ރައްކާތެރިކަމާއެކު ދަނޑުވެރިކަން ކުރުމުގެ ފަންނީ މަޢުލޫމާތު ރަށްރަށުގެ ދަނޑުވެރިންނަށް ލިބިގެންދާނެއެވެ.
ދަނޑުވެރިކަމާ ބެހޭ ވުޒާރާގެ އަމާޒަކީ މި މަޝްރޫޢުގެ ތެރެއިން 5މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް ބޭނުންވާ 4ލައްކައަށްވުރެ ގިނަ ގަސް އުފެއްދުމާއި، ރާއްޖޭގެ ދަނޑުވެރިކަމަކީ ދެމެހެއްޓެނިވި، ތިމާވެއްޓާ ރައްޓެހި އަދި ޒަމާނީ ސިނާޢަތަކަށް ބަދަލުކުރުމެވެ.

