
ސަރުކާރުން ހިންގާ ތަރައްޤީގެ މަޝްރޫޢުތައް އަވަސްކުރުމުގެ ބޭނުމުގައި، ލޯކަލް ކައުންސިލްތަކުގެ އިޚުތިޞާޞްގެ ތެރެއިން ބިން ވަކިކުރެވޭނެ މަގުފަހިކޮށްދޭ ޤާނޫނީ އިޞްލާޙު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަޞްދީޤުކުރައްވައިފިއެވެ.
މިދިޔަ މަހުގެ 26ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި 47 މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކުރި މި ބިލަކީ ތުޅާދޫ ދާއިރާގެ މެމްބަރު ޢަބްދުލްޙަންނާން އަބޫބަކުރު ހުށަހެޅުއްވި ބިލެކެވެ. ދެކޮޅަށް 12 މެމްބަރުން ވޯޓުދެއްވި މި އިޞްލާޙުގެ އެންމެ ބޮޑު ބޭނުމަކީ، ދައުލަތުގެ ބޮޑެތި މަޝްރޫޢުތަކަށް ބޭނުންވާ ބިން ހޯދުމުގެ ކަންކަން ހަރުދަނާ އުޞޫލެއްގެ މަތިން އަވަސްކުރުމާއި، އެކަމުގައި ކައުންސިލްތަކުގެ ފުރިހަމަ އެއްބާރުލުން ޤާނޫނީ ގޮތުން ކަށަވަރުކުރުމެވެ.
މި ޤާނޫނަށް ގެނެވުނު 19ވަނަ އިޞްލާޙާ އެކު، ކައުންސިލްތަކުގެ ބާރުގެ ދަށުގައިވާ ބިންތައް ދައުލަތުގެ ބޭނުމަށް ނެގުމުގެ ކުރިން މަރުކަޒީ އިދާރާތަކުން ފުރިހަމަކުރަންޖެހޭ ޚާއްޞަ އިޖުރާއަތުތަކެއް ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން، އިންޓަގްރޭޓަޑް ސަރވިސް ސެންޓަރުތަކެއް އަތޮޅުތަކުގައި ޤާއިމުކޮށް، ސަރުކާރުގެ ޚިދުމަތްތައް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުން ވެސް މި ބިލުގައި ހިމެނެއެވެ. ހަމައެހެންމެ، މީގެ ކުރިން ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)އާ ހަވާލުކުރެވިފައިވާ އަތޮޅު ކައުންސިލްތަކުގެ މުދަލާއި ވަސީލަތްތައް، މި އިޞްލާޙަށް ޢަމަލުކުރަން ފެށުމާ އެކު ދައުލަތުގެ މާލީ ކަންކަން ބަލަހައްޓާ ވުޒާރާގެ ބެލުމުގެ ދަށަށް ބަދަލުވެގެންދާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރެއްވުމާ ގުޅިގެން، ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށް މިހާރު ވަނީ މި ޤާނޫނަށް ޢަމަލުކުރަން ފަށާފައެވެ.

