
ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ ބިންތައް ކައުންސިލްތަކުގެ ބާރުގެ ދަށުން ނެގޭގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ މަސައްކަތް ނިންމަން ކަނޑައަޅާފައިވާ ސުންގަޑި، ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް މިއަދު ފަސްކޮށްފިއެވެ.
މަޖިލީހުގެ ތަޅުމުގައި ބިލުގެ ބަހުސް ކުރިއަށް ގެންދިއުމަށްފަހު، ކޮމިޓީ މަރުހަލާގައި އިތުރަށް ދިރާސާކުރުމަށް މިދިޔަ ހޯމަ ދުވަހު ފޮނުވުމާ ގުޅިގެން ފުރަތަމަ އަމާޒުކޮށްފައި އޮތީ މިއަދުގެ ނިޔަލަށް އެ މަސައްކަތް އެއްކޮށް ނިންމައިލުމަށެވެ. ނަމަވެސް، މަޖިލީހުގެ މިހާރު ހިނގަމުންދާ ދައުރުގެ އެންމެ ފަހު ދުވަސްކަމަށްވާ ބުރާސްފަތި ދުވަހަށް މި ބިލުގެ މަސައްކަތް ދަންމައިލުމަށް ވިލުފުށީ ދާއިރާގެ ޕީއެންސީ މެންބަރު ހަސަން ވަހީދު ހުށަހަޅުއްވައި، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާން ތާއީދުކުރެއްވި ހުށަހެޅުން ވަނީ ކޮމިޓީއަށް ހާޒިރުވި މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައެވެ.
ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި މި ބިލުގެ މައިގަނޑު މަގުސަދަކީ ދައުލަތުން ހިންގާ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް އެއްވެސް މަޑުޖެހުމެއްނެތި ހަލުވިކަމާ އެކު ކުރިއަށް ގެންދިއުމަށްޓަކައި ކައުންސިލްތަކުގެ ފުރިހަމަ އެހީތެރިކަން ގާނޫނީ ތަރަހައިގެ ތެރެއިން ހޯދުމެވެ. އަދި މަޝްރޫއުތަކަށް ބިން ހަމަޖެއްސުމުގެ އުސޫލުތައް މިހާރަށްވުރެ ހަރުދަނާކުރުން ކަމުގައި ވެސް ބަޔާންކޮށްފައިވެއެވެ.
މި އިސްލާހުގެ ދަށުން ގާނޫނުގެ 56ވަނަ މާއްދާއަށް ގެންނަ ބަދަލާ އެކު، ސަރުކާރުގެ މަޝްރޫއަކަށް ކައުންސިލެއްގެ އިހުތިސާސްގައި ހިމެނޭ ބިމެއް ނެގުމުގެ ފުރިހަމަ އިހުތިޔާރު ވަޒީރުންގެ މަޖިލީހަށް ލިބިގެންދާނެއެވެ. ކެބިނެޓުން އެގޮތަށް ފާސްކޮށް ކަމާބެހޭ ގައުމީ އިދާރާއަކުން އަންގާ ހިސާބުން އެ ބިމެއްގެ މިލްކުވެރިކަން ދައުލަތަށް ފުރޮޅިގެންދާނެއެވެ. މީގެ އިތުރުން، ރަށުގެ ނުވަތަ ސިޓީއެއްގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން ފާސްކުރުމުގެ ކުރިން ވެސް ދައުލަތުގެ މަޝްރޫއަކަށް ބިމެއް ބޭނުންވެއްޖެ ހިނދެއްގައި އެ ބިމެއް ދޫކުރުން ކައުންސިލްތަކަށް ލާޒިމުކޮށްފައިވާއިރު، މަގުބޫލު އުޒުރަކާ ނުލައި ސަރުކާރުގެ މަސައްކަތްތަކަށް ހުރަސްއެޅުމާއި ލަސްވާނެ ފަދަ ނިންމުންތައް ނިންމުން ކައުންސިލްތަކަށް ވަނީ މަނާކޮށްފައެވެ.
ކައުންސިލްތަކުގެ ބާރުތައް ހަނިވާގޮތަށް ފަރުމާކޮށްފައިވާ މި ބިލު ފާސްކުރުމާ ދެކޮޅަށް އާންމުންގެ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން، މިކަމާ ދެކޮޅަށް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އީ-ޕެޓިޝަނަކަށް ހަފުތާއެއްގެ ތެރޭގައި 2،100 އަށްވުރެ ގިނަ މީހުން ސޮއިކޮށްފައިވާއިރު، މަޖިލީހުގެ އީ-ޕެޓިޝަން ގަވައިދު ބުނާގޮތުން އެ އަދަދަށް ސޮއި ހަމަވުމާ އެކު އެ ޕެޓިޝަނެއް ކަމާގުޅޭ ކޮމިޓީއަކުން ދިރާސާކުރަން ފޮނުވަން ޖެހޭނެއެވެ.

