
ދައުލަތުގެ ބަޖެޓުން ލޯކަލް ކައުންސިލްތަކަށް ކަނޑައަޅާފައިވާ ބްލޮކް ގްރާންޓުގެ ތެރެއިން، މިއަހަރުގެ ފުރަތަމަ އަށް މަސްދުވަހުގެ ތެރޭގައި 1.8 ބިލިއަން ރުފިޔާ މާލީ ކަންކަމާ ބެހޭ ވުޒާރާއިން ދޫކޮށްފިއެވެ.
މާލީ ވުޒާރާގެ އެންމެ ފަހުގެ ހަފުތާގެ މާލީ ރިޕޯޓުތައް ދައްކާގޮތުން، މިއީ ފާއިތުވި އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 12 އިންސައްތައިގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ ފުރަތަމަ އަށް މަސްދުވަހުގެ ތެރޭގައި ކައުންސިލްތަކަށް ދޫކޮށްފައި ވަނީ 1.6 ބިލިއަން ރުފިޔާއެވެ. ރާއްޖޭގެ ތާރީޚުގައި ވެސް ކައުންސިލްތަކަށް އެންމެ ގިނަ ފައިސާ ހިލޭ އެހީގެ ގޮތުގައި ދިނުމަށް ކަނޑައަޅާފައި ވަނީ މިއަހަރު ކަމަށްވާއިރު، ޖުމްލަ 2.4 ބިލިއަން ރުފިޔާ މިއަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފައެވެ.
ދައުލަތަށް ލިބޭ އާމްދަނީއަށް ބިނާކޮށް 2020ވަނަ އަހަރުން ފެށިގެން ދޫކުރަމުން އަންނަ ބްލޮކް ގްރާންޓުގެ އެންމެ ބޮޑު ހިއްސާއެއް ލިބެނީ ސިޓީ ކައުންސިލްތަކަށެވެ. އޭގެ ތެރެއިން ވެސް މާލެ ސިޓީ ކައުންސިލަށް އެންމެ ބޮޑު އަދަދެއް ލިބޭއިރު، އަންނަ އަހަރަށް ލަފާކޮށްފައި ވަނީ ކައުންސިލްތަކަށް 2.5 ބިލިއަން ރުފިޔާ ދޫކުރުމަށެވެ. މާޒީއަށް ބަލާއިރު 2023ވަނަ އަހަރު 2.1 ބިލިއަން ރުފިޔާ ބަޖެޓުކުރި ނަމަވެސް އިތުރު އަށް މިލިއަން ރުފިޔާ ވަނީ ކައުންސިލްތަކަށް ޚަރަދުކޮށްފައެވެ.
ސަރުކާރުން މިހާރު ވަނީ ކައުންސިލްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ އުސޫލަށް މުހިންމު ބަދަލުތަކެއް ގެނައުމަށް ނިންމާފައެވެ. މިގޮތުން، ފައިސާ ބަހާ ފޯމިއުލާގައި މީގެ ކުރިން ހަމައެކަނި އާބާދީއަށް ރިއާޔަތްކުރި ނަމަވެސް، ކުރިއަށް އޮތް ތަނުގައި ރަށުގެ ބިމުގެ ބޮޑުމިނަށް ވެސް ބަލާނެއެވެ. ހަމައެއާ އެކު އަތޮޅު ކައުންސިލްތައް އުވާލާފައިވުމާ އެކު، ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް ލިބޭ މިންވަރު އިތުރުވެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ. މި ބަދަލުތަކުގެ މައިގަނޑު މަގުސަދަކީ ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުވައި، ރަށްރަށުގެ ތަރައްޤީގެ މަޝްރޫޢުތައް އިތުރަށް ހަރުދަނާކުރުމެވެ.

