
ރާއްޖޭގެ ކަނޑުން ބައެއް ވިއްކާލި މީހުން ދެފުށް ފެންނަ އުސޫލުތަކަށް އަބަދުވެސް ކަންބޮޑުވާނެ ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ.
މުހައްމަދު އިސްމާއިލް މިފަދައިން ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކުރިއަށްދާ، ފަޅުރަށާއި ފަޅު ކުއްޔަށް ދިނުމުގެ ބިލަށް ބަހުސް މަރުހަލާގައި ވާހަކަފުޅުދައްކަވަމުންނެވެ. އިސްމާއިލް ވިދާޅުވީ ރައްޔިތުންނަށް ފައިދާ ހުރި ގިނަ ބިލުތަކެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ނަމަވެސް އިދިކޮޅު އެމްޑީޕީ އިން ހުށަހެޅި ނަމަވެސް އިދިކޮޅު އެމްޑީޕީއަށް އެ ބިލުތަކުގެ ރަނގަޅު ފަރާތް ނުފެންނަ ކަމަށާއި، ބިލުތަކާ މެދު ދޮގު މައުލޫމާތު ފަތުރައިގެން ރައްޔިތުންނަށް އޮޅުވާލަން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިއީ އެމްޑީޕީން ވަރަށް ގައިރު ޒިންމާދާރު ގޮތެއްގައި ކުރަމުންދާ ކަމެއްގެ ގޮތުގައި ވެސް މުހައްމަދު އިސްމާއިލް ސިފަކުރެއްވިއެވެ.
“ގާނޫނަށް އިސްލާހުތަކެއް ގެނެސްގެން ރަށްރަށް އެކި ބޭނުންތަކަށް ކުއްޔަށް ދިނުމުގައި ހާމަކަން ބޮޑު ގޮތެއްގައި ދެފުށް ފެންނަ އުސޫލެއްގައި ކަން ކުރަން ޖެހުމުން އެމްޑީޕީން ކަންބޮޑުވާ ކަމެއް. ރައީސް އިބްރާހީމް މުހައްމަދު ސޯލިހު 2018އާ 2023 ދެމެދު ކަނޑުން އެއްބައި ވިއްކާލި ބައެއް.” މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ.
މީގެ އިތުރުން މުހައްމަދު އިސްމާއިލް ވިދާޅުވީ މި އިސްލާހުތަކަކީ ރަށްރަށް ކުއްޔަށް ދިނުމުގެ މަރުހަލާތައް އިތުރަށް ހާމަކަން ބޮޑުކޮށް، ގާނޫނީ އިމުގެ ތެރެއިން އިންސާފުވެރިކޮށް ކުރިއަށް ގެންދިއުމަށްޓަކައި ހުށަހެޅިފައިވާ އިސްލާހުތަކެއް ކަމަށެވެ. އަދި މި ފަޅުރަށާއި ފަޅު ކުއްޔަށް ދިނުމުގެ ބިލަކީ މުހިންމު ބިލެއް ކަމަށާއި މި ބިލުގެ ސަބަބުން ރައްޔިތުންނަށް ފައިދާ ކުރާނެ ކަމަށެވެ.

