
ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމުގެ ޚަރަދުތައް ހަމަޖެއްސުމަށްޓަކައި މޯލްޑިވްސް ޒަކާތު ހައުސްއިން 2.5 މިލިއަން ރުފިޔާ އިއްޔެ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އާ ހަވާލުކޮށްފިއެވެ.
މި ފައިސާ ދޫކޮށްފައި ވަނީ، މިއަހަރުގެ ފެބްރުއަރީ މަހުގެ 21ވަނަ ދުވަހު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ޞިއްޙަތާ ބެހޭ ވުޒާރާއާ ދެމެދު ވެވިފައިވާ ޚާއްޞަ ފަހުމުނާމާއެއްގެ ދަށުންނެވެ. އެހެންނަމަވެސް، މީގެ ދިހަވަރަކަށް އަހަރު ކުރިން ފެށިގެން، 2014ވަނަ އަހަރުން ފެށިގެން ވެސް ދައުލަތުގެ ޒަކާތު ފަންޑު މެދުވެރިކޮށް މިފަދަ ބޮޑެތި ބަލިތަކަށް ރާއްޖެއިން ބޭރުން ފަރުވާ ހޯދުމުގައި މާލީ އެހީތެރިކަން އަންނަނީ ފޯރުކޮށްދެމުންނެވެ.
ވާރުތަވާ ލޭގެ ބައްޔެއް ކަމަށްވާ ތެލެސީމިއާއަކީ މުޅި އުމުރަށް ގަވާއިދުން ލޭ އަޅައިގެން ފަރުވާ ހޯދަންޖެހޭ ބައްޔެކެވެ. މި ބައްޔަށް މިހާތަނަށް ހޯދިފައިވާ ހަމައެކަނި ދާއިމީ ހައްލަކީ ގުޅޭ ޑޯނަރެއްގެ ކިބައިން ސިއްހަތު ސަލާމަތުންހުރި ސްޓެމް ސެލް ހޯދައިގެން ބޯންމެރޯ ބަދަލުކުރުމެވެ. މި އޮޕަރޭޝަން ކާމިޔާބުވުމުން ހަށިގަނޑުން އަމިއްލައަށް ރަތް ސެލް އުފެއްދުމުގެ ބާރު ލިބި، ގަވާއިދުން ލޭ އެޅުމަށް އޮންނަ މަޖުބޫރީ ހާލަތު ނިމުމަކަށް އައިސް، ދިގު މުއްދަތެއްގައި ބަލީގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކުން ސަލާމަތްވެ، ބަލިމީހާގެ އާންމު ދިރިއުޅުމުގެ ހާލަތު އެތައް ގުނައަކަށް ރަނގަޅުވެގެންދެއެވެ.
ދުނިޔޭގެ ނިސްބަތުން ބަލާއިރު ވެސް އާބާދީގައި ތެލެސީމިއާ ކުދިން ގިނަ ޤައުމެއްގެ ގޮތުގައި ރާއްޖެ ހިމެނޭތީ، އެފަދަ ބަލިމީހުންނަށް ދެވޭ ފަރުވާއާއި ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް ފުޅާކުރުމަކީ ދިވެހި ސަރުކާރުން ނުހަނު ބޮޑު އިސްކަމެއް ދީގެން ކުރިއަށްގެންދާ މުހިންމު ސިޔާސަތެކެވެ.

