
މި ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއަކީ ނުފޫޒުން އެއްކިބާވެގެން ހިންގާ މަޝްރޫއެއްކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
ރައީސް އޮފީހުން ސިލްސިލާކޮށް ކުރިއަށް ގެންދާ “ނޭޝަން ޗެޓް ޕޮޑްކާސްޓްގެ”ދެވަނަ އެޕިސޯޑްގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ރޭ ވިދާޅުވީ ނުފޫޒުގަދަ ފަރާތްތަކުން ބޭނުންވާ ވަކި ބަޔަކަށް ފްލެޓާއި ގޯތި ލިބޭ ގޮތަށް ކަންހިނގާ ވާހަކައަކީ އަބަދުވެސް ދެކެވެމުން އަންނަ ވާހަކަތަކެއް ކަމަށެވެ.
އެހެންވެ އެކަން ނިމުމަކަށް ގެނައުމަކީ އެމަނިކުފާނު އެންމެ އިސްކަންދެއްވާކަން ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި މި ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއަކީ، ނުފޫޒުން އެއްކިބާވެގެން ހިންގޭ މަޝްރޫއެއްކަމުގެ ޔަގީންކަން ރައްޔިތުންނަށް ރައީސް ދެއްވިއެވެ.
ރަސްމާލެއިން ގިނަ އަދަދެއްގެ ގޯއްޗާއި ފްލެޓް ދޭން ނިންމާފައިވާ އިރު މި މަހު ވަނީ އެ ގޯތިތަކާއި ފްލެޓަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވެފައެވެ.
ރައީސް ވިދާޅުވީ މިހާރު ކުރިއަށްދަނީ އެ ފޯމުތަކުގެ ސައްހަކަން ކަށަވަރުކަން ކުރުމުގެ މަސައްކަތްތައް ކަމަށާއި އެއްވެސް ކަހަލަ ނުފޫޒެއްގެ ބޭނުންކޮށްގެން، ވަކި މީހަކު ބޭނުންވާހާ ގޮތަކަށް، ވަކި މީހަކަށް ނުވަތަ ވަކި އާއިލާއަކަށް އިސްކަން ލިބޭ ގޮތަށް އެއްވެސް ކަމެއް ހިނގަމުން ނުދާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
ހަމަ އެހެންމެ ބޯހިޔާވަހިކަމަކީ ހަމަ އެންމެ ޟަރޫރީ، އެންމެ މުހިންމު ކަންތައް ކަމުގައި ޤަބޫލުފުޅުކުރައްވާ ކަމަށާ، އެމަނިކުފާނުގެ ސަރުކާރުން ދޭ އެއްވެސް ފްލެޓަކާއި ގޯއްޗެއް ދިނުމުގައި އެއްވެސް ކަހަލަ ނާޖާއިޒުކަމެއް ނުހިމެނޭނެކަމުގެ ޔަގީންކަން ވެސް ރައީސް ތަކުރާރުކުރެއްވިއެވެ. އަދި މި މަސައްކަތުގައި އުޅުއްވާ ފަރާތްތަކާމެދު އެކަމުގެ އިތުބާރު އެބައޮތްކަންވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވައިފައެވެ.

