
ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ޤާނޫނާ ޚިލާފަށް މަސްވެރިކަންކުރާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅުތަކެއް އެޅޭގޮތަށް، ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނަށް ހުށަހެޅި އިސްލާޙުތައް، 59 މެންބަރުންގެ އިއްތިފާޤުން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މި ބިލުގައި އެންމެ ބޮޑަށް ފާހަގަކުރެވެނީ ޙިމާޔަތްކޮށްފައިވާ ކަނޑުގެ ދިރުންތަކުގެ މަސްވެރިކަން ކުރުން މަނާކޮށް، އެފަދަ އަމަލެއް ހިންގައިފިނަމަ ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުމަށް ކަނޑައަޅާފައިވާ މާއްދާތަކެވެ. އެގޮތުން، މަނާކުރެވިފައިވާ ބާވަތެއްގެ މަހެއް ހިފައިފިނަމަ ބައި މިލިއަން ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ. އަދި އެފަދަ ބާވަތެއް ރާއްޖެއިން ބޭރުކޮށްފިނަމަ އެއް މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާކުރުމުގެ ބާރު ކަމާ ބެހޭ އިދާރާތަކަށް ލިބިގެންވެއެވެ. މީގެ އިތުރުން ޚާއްޞަ ޙާލަތްތަކުގައި ފިޔަވައި، ޙިމާޔަތްކޮށްފައިވާ ސަރަޙައްދުތަކުގައި އެއްވެސް ބާވަތެއްގެ މަސްވެރިކަމެއް ކުރުމަކީ ވެސް މި ޤާނޫނުގެ ދަށުން ކުށެކެވެ.
ސަރުކާރުގެ ފަރާތުން ތިނަދޫ ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު އަލްސަން އަހުމަދު ހުށަހެޅުއްވި މި ބިލަށް އިޤުތިސާދީ ކޮމިޓީން ވަނީ ބައެއް ބަދަލުތައް ގެނެސްފައެވެ. އަލަށް ގެނެވުނު އިސްލާޙުތަކުގެ ދަށުން، ތަފާތު އެކި ބާވަތްތަކުގެ މަސްވެރިކަން ކުރުމުގެ ހުއްދަ ދިނުމުގެ އިޚުތިޔާރު މަސްވެރިކަމާ ބެހޭ ވުޒާރާއަށް ލިބިގެންވެއެވެ. ނަމަވެސް، މިގޮތަށް ދޫކުރެވޭ ހުއްދަތަކާއި، އެކަމާ ގުޅޭ އުސޫލުތަކާއި ޝަރުތުތަކުގެ އިތުރުން ނެގޭނެ ފީތައް ދައުލަތުގެ ގެޒެޓުގައި ޝާއިއުކުރުން ލާޒިމުކޮށްފައިވެއެވެ.
ޤާނޫނު ތަންފީޒުކުރުމުގައި ހުރި ގޮންޖެހުންތައް ނައްތާލުމަށް އަމާޒުކޮށްފައިވާ މި ބިލުގައި، މަސްވެރިކަމަށް ޚާއްޞަކޮށްގެން ބަނދަރުތައް ތަރައްޤީކުރުމުގެ ހުއްދަ ދިނުމުގެ ބާރު ވެސް ވުޒާރާއަށް ވަނީ ދީފައެވެ. ހަމައެހެންމެ، ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ޤާނޫނާ ޚިލާފަށް އުޅޭ ބޭރުގެ މަސްބޯޓުފަހަރާމެދު އިދާރީ ފިޔަވަޅުތައް އެޅުމާއި، އެ އުޅަނދުތައް ނިސްބަތްވާ ޤައުމުތަކާ ގުޅިގެން އަމަލުކުރާނެ ހަރުދަނާ އުސޫލުތަކެއް ވެސް ވަނީ އެކުލަވާލާފައެވެ. މީގެ އިތުރުން މަސްވެރިކަމުގެ ސިނާޢަތުގައި ހިންގާ އެހެނިހެން ކުށްތަކަށް ދެވޭނެ އަދަބުތައް ވެސް މި އިސްލާޙުގައި ސާފުކޮށް ބަޔާންކޮށްފައިވެއެވެ.

