
ބޮޑު މަހުގެ މައްސަލަ ބޮޑުވެ, އެންްމެ ފަހުން ކުޅަދާނަ އައިޓީ ނެކްނީޝިއަން އަދި ޑިޒައިނަރު އަހުމަދު ނާޝިޒް އެންމެންނަށް ބޭނުން ކުރުމަށް ބޮޑުމަހުގެ ތްރީޑީ އިމޭޖެއް ފޭސްބުކަށް ދޫކޮށްލައިފިއެވެ.
ޓްރީޑީ އާޓިސްޓް އަދި ޓައިޕޮގްރާފަރު ހުސައިން ނިޔާޒުގެ ތްރީޑީ ކުރެހުމެއް ކަމަށްވާ ފަނުން ހަދާފައިވާ ބޮޑު މަސް ކުރެހުމެއް ޕީއެސްއެމް އާއި ފެނަކައިގެ އީދު ޕޯސްޓްގައި ބޭނުންކޮށްފައިވާ ކަން ފާހަގަކޮށް، އޭނާ ނުރުހުން ފާޅުކުރީ އިއްޔެއެވެ.
އޭނާ ނުރުހުން ފާޅުކޮށް ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ ޓީވީއެމް ނުވަތަ ޕީއެސްއެމް އަދި ފެނަކައަށް ވެސް އެ ބޮޑުމަސް ބޭނުން ކުރުމުގެ ހުއްދަ ނުދޭ ކަމަށާއި އޭނާގެ މަސައްކަތުގައި ވެސް އަގެއް އޮންނަންވާނެ ކަމަށް ވެސް ބުނެފައިވެއެވެ. އަދި ހިލޭ ދޫކޮށްފައިވާ ފޮންތްތައް ބޭނުން ކުރިޔަސް މައްސަލައެއް ނެތް ކަމަށާއި ނަމަވެސް ހިލޭ ދޫނުކުރާ އެއްޗެއް ބޭނުން ކުރާނަމަ އަގު ދައްކަން ޖެހޭނެ ކަމަށެވެ.
މިކަމާ ގުޅިގެން ނާޝިޒު ބުނީ އެއްވެސް ކުންފުންޏަކުން އާޓިސްޓުންގެ ހުއްދަ އާ ނުލާ އެ މަސައްކަތް ބޭނުން ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ދައުލަތުގެ ކުންފުނިތަކުން ނިޔާޒުގެ މަސައްކަތް ހުއްދައަކާ ނުލާ ބޭނުންކުރުން ކުށްވެރިކުރާ ކަމަށެވެ.
“އެއްވެސް ކުންފުންޏަކުން. އާޓިސްޓުންގެ ހުއްދަ އާއި ނުލާ އެ އާޓިސްޓުންގެ މަސައްކަތް ބޭނުން ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. މި ފަހަރު އީދުގެ ޕޯސްޓަރު ހެދުމަށް ހާއްސަ ގޮތެއްގައި ދައުލަތުގެ ކުންފުނި ތަކުން. އެކުވެރި ހުސެން ނިޔާޒު ގެ ބުރަ މަސައްކަތުން ހަދާފައިވާ ތްރީޑީ މޮޑެލް، ހުއްދަ އަކާ ނުލާ ބޭނުން ކޮށްފައިވުން ކުށްވެރި ކުރަން.” ނާޝިޒު ބުނފައިވެއެވެ.
މީގެ އިތުރުން ނާޝިޒު ވަނީ ޕޯސްޓަރުތައް ހެދުމަށް ބޭނުންކުރިޔަސް އެންމެ ރަނގަޅު ކަމަށް ބުނެ ބޮޑުމަހެއްގެ ޕީއެންޖީ ފޮޓޯއެއް ދޫކޮށްލާފައެވެ.

