
މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން އެ މަގުގައި ތާރުއެޅުމަށް ކާނިވާ ސަރަޙައްދުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ދެމެދު ޕާކުކޮށްފައިވާ އެންމެހާ އުޅަނދުތައް ނެގުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އަންގައިފިއެވެ.
ފުލުހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މަސައްކަތަށް މަގު ތައްޔާރުކުރުމުގެ ގޮތުން މިރޭ 11:50 އިން ފެށިގެން ތާރުއެޅުމަށް ކަނޑައެޅިފައިވާ ސަރަޙައްދު އާންމު ދަތުރުފަތުރަށް ބަންދުކުރެވޭނެއެވެ. އަދި އޭގެ ފަހުން އެ ތަނުގައި ހުންނަ އުޅަނދުތައް ފުލުހުންގެ ބެލުމުގެ ދަށުން ނަގަމުންދާނެކަން ފާހަގަކޮށް، މިކަމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތަކަށް އެ އިދާރާއިން ވަނީ މަޢާފަށް އެދިފައެވެ.
ސަމާލުކަމަށް! pic.twitter.com/GTdPcMH4i6
— Maldives Police (@PoliceMv) June 25, 2026
މި މަޝްރޫޢު ހިންގާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ބަޔާންކުރާ ގޮތުގައި، ތާރުއެޅުން ކުރިއަށް ގެންދިޔުމަށް ރާވާފައި ވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި ހެންވޭރު ޓާމިނަލުން ފެށިގެން ފޮރިން މިނިސްޓްރީއާ ހަމައަށް ތާރުއެޅުމަށްފަހު، ދެވަނަ ފިޔަވަހީގެ މަސައްކަތް ފަށާނެއެވެ. މީގެ އިތުރުން، ކާނިވާ ޕާކިންގ ޒޯނަށް ވަންނަ ދޮރާށި ބަންދުކުރެވުނު ކަމުގައިވިޔަސް، އެ ޒޯނުގެ އެތެރޭގައި އުޅަނދު ޕާކުކުރުމުގެ ފުރުޞަތު އޮންނާނެކަމަށް އެ ކުންފުނިން ކަށަވަރުކޮށްދެއެވެ.
އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސައުދީ ހާމަކުރެއްވި ގޮތުގައި، އަމާޒަކީ ކުރިއަށް އޮތް މިނިވަން ދުވަހުގެ (ޖުލައި 26)ކުރިން މުޅި މަޝްރޫޢު އެއްކޮށް ނިންމައި އާންމުންނަށް މަގު ހުޅުވާލުމެވެ.
ފާއިތުވި މާރިޗު މަހުގެ 23ވަނަ ދުވަހު ފެށި މި ބޮޑު މަޝްރޫޢުގެ ތެރެއިން، ހެންވޭރު ޓާމިނަލުން ފެށިގެން ރަސްމީ ފާލަމާ ދެމެދުގެ ފަޅުން ބައެއް ހިއްކައިގެން މަގު ވަނީ ފުޅާކޮށްފައެވެ. އަދި ފުރަތަމަ ފިޔަވަހީގެ ދަށުން އަޅަންޖެހޭ ފެނާއި ނަރުދަމާގެ މައި ހޮޅިތަކާއި، ކޭބަލް ޖަންކްޝަންތަކުގެ އިތުރުން ފެންހިންދާ ނިޒާމުގެ ކެޗްޕިޓްތަކުގެ މަސައްކަތްތައް މިހާރު ވަނީ އެއްކޮށް ނިންމާލާފައެވެ. މި މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރެވިގެން ދިޔުމާ އެކު، މާލޭގެ އެ ސަރަޙައްދުގެ ޓްރެފިކް ތޮއްޖެހުމަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

