
ދިވެހިރާއްޖޭގެ ޤައުމީ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން، ބޮޑުތަކުރުފާނުގެ ޤައުމީ ޖިހާދުގެ ހަނދާންތައް އާކޮށްދިނުމުގެ މަޤުޞަދުގައި ހއ. އުތީމު ކަނދުވަލު މިސްކިތާ އިންވެގެންވާ ސަރަޙައްދުގައި އަލަށް ތަރައްޤީކުރި ތާރީޚީ ޕާކު ކަމަށްވާ “ވާހަކަ ވައު” ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.
ޤުދުރަތީ ވަލެއްގެ ތެރޭގައި ފަރުމާކޮށްފައިވާ މި ޚާއްޞަ ޕާކަކީ، މުޙައްމަދު ތަކުރުފާނު ދިވެހި ޤައުމުގެ މިނިވަންކަމަށްޓަކައި ކުރެއްވި މަތިވެރި ޖިހާދުގެ މުހިންމު ހާދިސާތައް ކިޔައިދޭ މަޢުލޫމާތު ބޯޑުތަކާއި މަންޒަރުތައް ހިމެނޭގޮތަށް، ޒިޔާރަތްކުރާ ފަރާތްތަކަށް މާޒީގެ ތާރީޚީ އިޙުސާސްތައް ގެނުވައިދޭނެ ފުރިހަމަ ބިނާއެކެވެ.
މި ޕާކު ހުޅުވުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި، ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމު ޢަބްދުﷲ ބައިވެރިވެވަޑައިގަތެވެ. އަދި ވަޒީރުންނާއި، ބޭރު ޤައުމުތަކުގެ ސަފީރުންނާއި، ދައުލަތަށް ގިނަ ދުވަހު ޚިދުމަތްކުރެއްވި ޢިއްޒަތްތެރިންނާއި ޢާންމު ރައްޔިތުން ވެސް މި ޙަފްލާގައި ބައިވެރިވެ، ޕާކުގެ ތެރޭގައި ހިނގާލައްވައި އެތަނުގެ މާޙައުލު ތަޖުރިބާކުރެއްވިއެވެ.
ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ކުރިއަށްގެންދިޔަ މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޤައުމިއްޔަތު ދިރުވުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ހިންގުނު މަޝްރޫޢެކެވެ. މި މަސައްކަތުގެ އެންމެ ބޮޑު އަމާޒަކީ ޣާޒީ ބަންޑާރައިންގެ މަތިވެރި ތަރިކަ ރައްކާތެރިކޮށް، އުތީމަކީ ރާއްޖޭގެ ސަގާފީ ފަތުރުވެރިކަމުގެ މައި މަރުކަޒަކަށް ހެދުމާ އެކު، ޤައުމީ ތަރިކައިގެ ތެރެއިން އިޤުތިޞާދީ ނަފާ ހޯދޭނެ މަގު ފަހިކުރުމެވެ.

