
ބޮޑުވަޒީރުކަން ބޭނުންވެ، ވެރިކަމުގެ ކުރީކޮޅު ނިޒާމު ބަދަލުކުރަން ކުރީގެ ރައީސް މުޙައްމަދު ނަޝީދު ޕްރެޝަރު ކުރެއްވިކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް، މީކާއީލްގެ ކެމްޕެއިންގައި އައްޑޫ ސިޓީގެ މަރަދޫގައި ބޭއްވި ބައްދަލުވުމެއްގައި، ރައީސް ޞާލިޙު ވަނީ ރައީސް ނަޝީދާ ދެމެދު އޮތް ސިޔާސީ ގުޅުން ހީނަރުވާން މެދުވެރިވި މައިގަނޑު ސަބަބުތައް ތަފްސީލުކޮށް ހިއްސާކުރައްވާފައެވެ.
މި ކަންކަން އޮޅުންފިލުވައިދެއްވަމުން ޞާލިޙު ފާހަގަކުރެއްވި ގޮތުގައި، 2018ވަނަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ ކުރީކޮޅު، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ފުރޮޅައިލުމަށް ނަޝީދު ވަރަށް ބޮޑަށް ބާރުއެޅުއްވިއެވެ. ނަމަވެސް އެއީ ކޯލިޝަން އެއްބަސްވުމާ ޚިލާފު ކަމަކަށްވާތީ އެ ފުރުސަތު ނެތްކަން އެންގެވުމުން، މަޖިލިސް އިންތިޚާބަށް ފަހު ނަޝީދުގެ ފެކްޝަނުން ސަރުކާރަށް އެއްބާރުލުން ދިނުން ހުއްޓާލައި، މަޖިލީހުގެ ތެރެއިން ޖެއްސުންކުރަން ފެށީކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރުން ހުށަހެޅި ކޮންމެ ބިލެއް ފާސްކުރަން ޖެހުނީ ވަކިވަކި މެމްބަރުންނާ ވާހަކަދައްކައިގެން ކަމަށާއި، ނަޝީދަށް ވަފާތެރި މެމްބަރުން ވަނީ އިދިކޮޅު ފަރާތްތަކަށް ވުރެ ބޮޑަށް ސަރުކާރުގެ އަގުވައްޓާލައި، މަޖިލީހުގައި ހަޑިހުތުރު ބަހުން މުޚާތަބުކޮށްފައިކަން ޞާލިޙު ހަނދާންކޮށްދެއްވިއެވެ. މީގެ އިތުރުން، 2023ގެ ރިޔާސީ އިންތިޚާބުގެ ކުރިން ފެންނަ ނުފެންނަ ވޯޓަކަށް ގޮސް، ބޮޑުވަޒީރެއްގެ ހައިސިއްޔަތުން ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ނަޝީދު ބޭނުންފުޅުވި ކަމަށާއި، ނަމަވެސް އޭރު ހެދި ދިރާސާތަކުން ބަރުލަމާނީ ނިޒާމަކަށް ރައްޔިތުންގެ ތާއީދު އޮތީ އެންމެ 25 އިންސައްތައިގައި ކަމަށް ޞާލިޙު ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބުން އެމްޑީޕީ ބަލިވީ ނަޝީދު އެއްފަރާތް ކުރުމުން ކަމަށް ބުނެ ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ދާދިފަހުން ދެއްކެވި ވާހަކަތަކަށް ވެސް ޞާލިޙު ވަނީ ރައްދުދެއްވާފައެވެ. ޞާލިޙު ވިދާޅުވީ ނަޝީދުގެ ފަރާތްޕުޅުން އައި ޝަރުތުތަކުގެ ތެރޭގައި ތިން ވަޒީރަކު މަގާމުން ވަކިކުރުން ހިމެނޭ ކަމަށާއި، އޭގެ ތެރޭގައި އަމީރު ވެސް ހިމެނިވަޑައިގަންނަވާ ކަމަށެވެ. އެހެންކަމުން، އެ ޑިމާންޑުތަކަށް އެއްބަސްވިނަމަ ސަރުކާރުގެ ތާއީދު އިތުރަށް ކުޑަވެގެން ދިޔައީސް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އިންތިޚާބުގެ ނާކާމިޔާބީގެ އަނެއް ސަބަބެއްގެ ގޮތުގައި ސޯލިހު ފާހަގަކުރެއްވީ، ޑިމޮކްރެޓްސްއާއި އިދިކޮޅު ފަރާތްތަކުން ފެތުރި ދޮގުތަކަށް އެކަށީގެންވާ ގޮތެއްގައި ރައްދު ނުދެވުމެވެ. އޭގެ ތެރޭގައި އިންޑިއާ ސިފައިންގެ މައްސަލައާއި، ވެންޓިލޭޓަރުގެ މައްސަލައިގެ އިތުރުން އެމްޑީޕީގެ ދަފްތަރުން 39،000 މެމްބަރުން ވަކިކުރިކަމަށް ބުނެ ފެތުރި ވާހަކަތައް ހިމެނެއެވެ. ޕްރައިމަރީއަށް ފަހު އެކުގައި މަސައްކަތްކުރަން އެއްބަސްވެވަޑައިގަތުމަށް ފަހު، ނަޝީދު ވަކި ޕާޓީއެއް ހެއްދެވީ ވައުދާ ޚިލާފަށް ކަމަށް ވެސް ވިދާޅުވިއެވެ.
ޕާޓީގެ އެތެރޭގެ މެމްބަރުންނަށް ރައްދުދިނުމަކީ ކުރައްވާހިތްވާ ކަމެއް ނޫން ނަމަވެސް، ހަގީގަތް ހާމަކުރުމަށް މި ވާހަކަތައް ދައްކަވަން މަޖުބޫރުވީ ކަމަށް ޞާލިޙު ވިދާޅުވިއެވެ. އަދި އޮޅުވާލުންތައް ނިއުޅުވައިލާނަމަ އިތުރު ގިނަ ކަންތައްތަކެއް ފެންނަން އެބަހުރި ކަމުގެ އިޝާރާތެއް ދެއްވަމުން، 2028ވަނަ އަހަރުގެ އިންތިޚާބު ކާމިޔާބުކޮށް ޕާޓީ ބަދަހިކުރުމަށްޓަކައި ޗެއަރޕާސަން ކަމަށް މީކާއީލަށް ވޯޓު ދެއްވުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.

