
މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖޭގެ އިމާރާތްކުރުމުގެ ސިނާޢަތަށް ބޭނުންވާ ތަކެތި ލިބުމުގައި ހުރި ދަތިތަކަށް ޙައްލެއް ހޯދުމުގެ ގޮތުން، ބޮޑުހިލައިގެ ބަދަލުގައި ބޭނުންކުރެވިދާނެ އީޖާދީ އަދި ތިމާވެއްޓާ ރައްޓެހި ވަސީލަތްތަކެއް ހޯދުމަށް އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ސަރުކާރުން ނިންމައިފިއެވެ.
ރައީސް އޮފީހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑްގެ ފަރާތުން ހުށަހެޅުއްވި ކަރުދާހަކަށް ބިނާކޮށް ކުރެވުނު މި މަޝްވަރާތަކުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މުހިންމު އިރުޝާދުތަކެއް ދެއްވާފައެވެ. އެގޮތުން، ބަނދަރު ހެދުމަށާއި ގޮނޑުދޮށް ޙިމާޔަތްކުރުމަށް އާންމުކޮށް ބޭނުންކުރާ ބޮޑުހިލައިގެ ބަދަލުގައި، އިމާރާތްތައް ތަޅާލުމުން އުފެދޭ ކުނިބުނި ނުވަތަ އެނޫންވެސް ޚަރަދުކުޑަ އަދި ދެމެހެއްޓެނިވި އެހެނިހެން ތަކެތި ބޭނުންކުރުމަށް އެމަނިކުފާނު ވަނީ ލަފާދެއްވާފައެވެ.
މިފަދަ ދެމެހެއްޓެނިވި ޙައްލުތައް ދެނެގަތުމަށްޓަކައި ޚާއްޞަ ދިރާސާއެއް ކުރުމަށް ކެބިނެޓުން ވަނީ ކަނޑައަޅާފައެވެ. އަދި މި މަސައްކަތަށް ބޭނުންވާ މާލީ އެހީތެރިކަން ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ހަމަޖައްސަވައިދެއްވުމަށް ވެސް ރައީސް ވަނީ ނިންމަވާފައެވެ. މީގެ އިތުރުން، ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ރަށްރަށުގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ ޚިދުމަތްދޭ ކުންފުނިތަކާ ގުޅިގެން، ބޮޑުހިލަ ނުލިބުމުގެ މައްސަލައަށް އަވަސް ޙައްލެއް ހޯދުމުގެ މަސައްކަތް ފެށުމަށް ވެސް ވަނީ ނިންމާފައެވެ.
އިމާރާތްކުރުމުގެ ދާއިރާގެ އިތުރުން، ރާއްޖޭގެ ހަކަތައާއި ތެލުގެ ރައްކާތެރިކަން ކަށަވަރުކުރުމާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓްރީން ހުށަހެޅުއްވި އޮނިގަނޑަކާ މެދުވެސް ވަޒީރުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. މިގޮތުން، މިހާރު އަމަލުކުރަމުންދާ ޤާނޫނުތަކުގެ ދަށުން އައު ގަވާއިދުތަކާއި މިންގަނޑުތައް އެކުލަވާލުމަށް ނިންމާފައިވާއިރު، އެކަންކަމުގެ ފަންނީ ތަފްޞީލުތައް ‘މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅޭ ކޮމިޓީ’ އިން ދިރާސާކުރުމަށްފަހު، ފަހު ގޮތް ނިންމުމަށް އިކޮނޮމިކް ކައުންސިލަށް ފޮނުވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އަންގަވާފައެވެ.

