
ބޭރު ފައިސާއާ ބެހޭ ޤަވާއިދުގެ ދަށުން، ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކުން ފައިސާ މާރުކުރުމަށް ކަނޑައަޅާފައިވާ ސުންގަޑި އަންނަ ބުދަ ދުވަހަށް ހަމަވާތީ، އެ ކަން ފުރިހަމަކުރުމަށް މަރުކަޒީ ބޭންކް (އެމްއެމްއޭ)އިން އިލްތިމާސްކޮށްފިއެވެ.
އެމްއެމްއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ކޮންމެ މަހަކު ލިބޭ އާމްދަނީއެއް ވެސް ޖެހިގެން އަންނަ މަހުގެ 28ވަނަ ދުވަހުގެ ކުރިން ބޭންކުތަކަށް މާރުކޮށް ނިންމަން ޖެހޭނެ ކަމަށެވެ. އަދި މި މުއްދަތުގެ ތެރޭގައި ގާނޫނީ ޒިންމާ އަދާނުކުރާ ފަރާތްތަކުގެ ނަންތައް، ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން އާންމުކުރާނެ ކަމަށް ވެސް އެ އޮތޯރިޓީން ވަނީ ހަނދާންކޮށްދީފައެވެ.
2024ވަނަ އަހަރު ގެނައި އިސްލާހުތަކާ އެކު، ފަތުރުވެރިކަމުގެ ދާއިރާގައި ހިމެނޭ ‘ކެޓެގަރީ އޭ’ގެ ތަންތަނުން މަހަކު ލިބޭ ޖުމްލަ އާމްދަނީ (ގްރޮސް ސޭލްސް)ގެ 40 އިންސައްތަ ބޭންކުތަކަށް މާރުކުރުން މިހާރު ވަނީ ލާޒިމުކޮށްފައެވެ. މީގެ ކުރިން އޮތް ‘ބޮލަކަށް 500 ޑޮލަރު’ މާރުކުރުމުގެ އިހުތިޔާރު މިހާރު ވަނީ އުވާލާފައެވެ. ‘ކެޓެގަރީ ބީ’ގައި ހިމެނޭ ތަންތަނުން ކޮންމެ ފަތުރުވެރިއަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ ޖުމްލަ އާމްދަނީގެ 20 އިންސައްތަ މާރުކުރަން ޖެހޭނެއެވެ.
މީގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާ ނޫން އެހެން ސިނާއަތްތަކުން އަހަރަކު 25,000,000.00 (ފަންސަވީސް މިލިއަން) އެމެރިކާ ޑޮލަރަށްވުރެ ގިނައިން އާމްދަނީ ލިބޭ ވިޔަފާރިތަކުން ވެސް ޖުމްލަ އާމްދަނީގެ 40 އިންސައްތަ ބޭންކުތަކަށް މާރުކުރަން ޖެހޭނެއެވެ. ނަމަވެސް، މީގެ ތެރެއިން ސައްތަ އިންސައްތަ ދިވެހި ވިޔަފާރިތަކުން މާރުކުރަން ޖެހޭނީ އާމްދަނީގެ 7 އިންސައްތައެވެ. މި ދާއިރާގައި ކުރިން އޮތް 15,000,000.00 (ފަނަރަ މިލިއަން) ޑޮލަރުގެ އާމްދަނީގެ މިންގަނޑު މިހާރު ވަނީ 25 މިލިއަން ޑޮލަރަށް މަތިކޮށްފައެވެ.
އެމްއެމްއޭގެ އުސޫލުތައް ބަޔާންކުރާ ގޮތުން، ބޭރު ފައިސާ ގަނެވިއްކޭނީ ހަމައެކަނި އެ އޮތޯރިޓީން ކަނޑައަޅާ ރޭޓުތަކުގައެވެ. އަދި ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރި ކުރެވޭނީ ހާއްސަ ލައިސަންސެއްގެ ދަށުންނެވެ. ރަސްމީ ރޭޓަށްވުރެ މަތީ އަގުތަކުގައި ޑޮލަރު ވިއްކުމާއި، ވިއްކަން އުޅުމާއި، އެކަމަށް އިޝްތިހާރު ކުރުމަކީ ކުށެއް ކަމަށް ކަނޑައަޅާފައިވާއިރު، މިފަދަ އަމަލުތައް ހިންގާ އަމިއްލަ ފަރުދުން 25,000 ރުފިޔާއާއި 1,000,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. ކުންފުނިތައް ފަދަ ޤާނޫނީ ޝަޚްޞުތައް 100,000 ރުފިޔާއާއި 5,000,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް ޤާނޫނުގައިވެއެވެ. ބޭރު ފައިސާ މާރުކުރުމުގެ ޒިންމާ އަދާނުކުރާ ފަރާތްތަކުގެ މައުލޫމާތު މަރުކަޒީ ބޭންކުން މީގެ ކުރިން ވެސް ވަނީ އާންމުކޮށްފައެވެ.

