
ދެހާސް ސައުވީސް ވަނަ އަހަރު އެކުލަވާލި ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން ބޭރު ފައިސާ މާރުނުކުރާ ފަރާތްތަކުގެ ނަންތައް މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ)އިން މިއަދު އާންމުކުރަން ފަށައިފި އެވެ.
އެމްއެމްއޭއިން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނީ ބޭރު ފައިސާއާބެހޭ ގާނޫނުގެ ދަށުން ކެޓަގަރީ އޭ އިން އެއްވެސް ގޮތަކަށް ދެ ރިސޯޓެއް މިހާތަނަށް ޑޮލަރު މާރުކޮށްފައިނުވާ ކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ
- ރަހާ ރިސޯޓު
- ސައުތު ޕާމް ރިސޯޓް މޯލްޑިވްސް
އެހެންވެ އެމްއެމްއޭއިން ވަނީ ބޭރު ފައިސާއާބެހޭ ގާނޫނުގެ ދަށުން އެމްއެމްއޭއަށް ޑޮލަރު މާރުކުރަން ޖެހޭ ފަރާތްތަކުން ގާނޫނާއި ގަވައިދާ އެއްގޮތަށް މާރުކުރަން ޖެހޭ މިންވަރަށް ޑޮލަރު މާރުކުރަން އިލްތިމާސްކޮށްފަ އެވެ.
ހަމަ އެހެންމެ ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން އެމްއެމްއޭގައި މިހާތަނަށް ރަޖިސްޓްރީކޮށްފައިނުވާ ފަރާތްތަކުން ވީއެންމެ އަވަހަށް އެކަން ކުރުމަށް ވެސް އެމްއެމްއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
އެގޮތުން ވަކިން ހާއްސަކޮށް ކެޓަގަރީ ބީއިން ރަޖިސްޓްރީކޮށްފައިވާ ފަރާތްތައް މަދުކަން ފާހަގަކޮށް އެ ފަރާތްތަކުން ވީހާ ވެސް އަވަހަށް އެމްއެމްއޭގައި ރަޖިސްޓްރީކުރަން ވެސް ވަނީ އިލްތިމާސްކޮށްފައެވެ. އަދި މިއީ ގާނޫނުގެ ދަށުން ރަޖިސްޓްރީކުރަން ޖެހޭ ފަރާތްތަކަށް ދެވޭ އެންމެ ފަހު ފުރުސަތު ކަމަށް ވެސް އެމްއެމްއޭއިން ބުންޏެވެ.
“ބޭރު ފައިސާ މާރުކުރުމުގެ ގާނޫނުގެ ދަށުން ގިނަ ރިސޯޓްތަކުން އަމަލުކުރަމުންދާކަން ފާހަގަކުރަމެވެ. އަދި އެކިއެކި ސަބަބުތަކާ ހުރެ މާރުކުރަން ޖެހޭ ބޭރު ފައިސާގެ އަަދަދު މުރާޖާކުރުމަށް އެދިފައިވާ ފަރާތްތަކުން ވެސް ކަނޑައެޅިފައިވާ އުސޫލުން އަދާކުރަން ޖެހޭ އިލްތިޒާމްތައް އަދާކުރުމަށް ދަންނަވަމެވެ.” އެމްއެމްއޭގެ ބަޔާނުގައި ބުނެފައި ވެއެވެ.

