
ބޫޓު ތެރޭ ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
ކްރިމިނަލް ކޯޓުން މިރޭ ނެރުނު ބަންދު އަމުރުގައިވާގޮތުން އެ މައްސަލައިގައި ހައްޔަރުކުރީ އިންޑިއާއަށް ނިސްބަތްވާ ސޫރަޖު ކަރުވާރު(30އ)އެވެ.
އެ މައްސަލައިގައި އޭނާ ފަސް ދުވަހަަށް ވަނީ ބަންދުކުރަން ވެސް އަމުރުކޮށްފައެވެ.
ބަންދު އަމުރުގައިވާ ގޮތުން މަސްތުވާތަކެތި ފެނުނީ ބިދޭސީ މީހާގެ ލަގެޖުގައި އޮތް ދެ ޓެނިސް ބޫޓުކިބައިގެ ތެރެއިންއެވެ.
އެގޮތުން ބޫޓު ކިބައިގެ ތެރޭގައި އޮތް ދެ ޕެކެޓު ޓީއެޗްސީއަށް ޕޮޒިޓިވްވި ކަމަށް ވެސް އަމުރުގައި ބުނެފައިވެއެވެ.
މި ފަހަކަށް އައިސް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ އިންޑިއާ މީހުންގެ އަދަދު އިތުރުވެފައިވާ އިރު އެކަމުގެ ސީރިއަސްކަން ބަޔާންކޮށް އިންޑިއާއިން ވަނީ ޓްރެވަލް އެޑްވައިޒަރީއެއް ވެސް ދާދި ފަހުން ނެރެފައެވެ.

