
ބުޅާ ގެންގުޅުމަށް ހާއްސަކޮށް ކެޓް އައިލެންޑެއް ތަރައްގީކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިފަދައިން ވިދާޅުވީ މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ޝިޔާމް ވިދާޅުވީ ރާއްޖޭގައި ކެޓް އައިލެންޑެއް ތަރައްގީކުރުމަށް އެއް ތަރައްގީކުރުމަށް ބައެއް ފަރާތްތަކުން ޝައުގުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށަހަޅާފައިވާ ކަމަށެވެ. މިހާރު ޕްރޮޕޯސަލް އިވެލުއޭޓްކުރުމުގެ މަރުހަލާ ކުރިއަށްދާ ކަމަށް ވެސް ވިދާޅުވިއެވެ.
މި ޕްރޮޕޯސަލް އަކީ އިންޓަނޭޝަނަލް ޕާޓީއަކުން ހުށަހަޅާފައިވާ ޕްރޮޕޯސަލްއެއް ކަމަށާއި މި މަޝްރޫއު ކާމިޔާބު މަޝްރޫއުއަކަށް ވެގެން ގޮސްފިނަމަ ޕެޓް ކޮމިއުނިޓީއަށް އުފާވެރި ހަބަރަކަށް ވެގެންދާނެ ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.
“އަޅުގަނޑުމެން އެންމެން ވެސް ލޯބިކުރަން ކެޓްއަށް. ދުނިޔޭގައި އެބައޮތް ވަރަށް ބޮޑު ކޮމިއުނިޓީއެއް، ރާއްޖޭ ފަދަ ޤައުމެއްގައި މި ފަދަ އައިލެންޑެއް ޒަމާނީ ފެސިލިޓީތަކާ އެކު ހިންގިއްޖެނަމަ މިއީ އިންޓަރނޭޝަނަލް ކޮމިއުނިޓީއަށް ވެސް ވަރަށް ބޮޑު ޝައުގުވެރިކަމަކަށް ވާނެ”. ވަޒީރު ޝިޔާމް ވިދާޅުވިއެވެ.
މީގެ އިތުރުން ޝިޔާމް ވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ގާއިމްކޮށްފައިވާ އޮޅުހިޔާގެ ޖާގަ އިތުރުކުރުމުގެ މަސައްކަތަށް އަލި އަޅުއްވާލައްވާފައެވެ. ޝިޔާމް ވިދާޅުވީ އެ މަރުކަޒުގައި 280 ބުޅާ ބަލަހައްޓަމުން އަންނައިރު މިހާރު ކުރިއަށްދާ އެކްސްޓެންޝަން މަސައްކަތްތައް ނިމުމުން އެތަނުގައި 500 އެއްހާ ބުޅާ ގެންގުޅެވޭނެ ކަމަށެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އޮޅުހިޔާ ގާއިމްކޮށް ހުޅުވީ ދެއްވީ 2024ވަނަ އަހަރުގެ ނޮވެމްބަރު 2ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

