
ދުނިޔޭގެ ފުރަތަމަ ޕްރީމިއަމް ލެޝާ އެއާލައިން ކަމަށްވާ “ބިޔޯންޑް”އިން، އެ ކުންފުނީގެ ފްލީޓަށް އަލަށް އިތުރުކުރާ އެއާބަސް އޭ321 މަރުކާގެ މަތިންދާބޯޓުތަކުގެ ކެބިންތައް އެންމެ މަތީ ފެންވަރަށް ތައްޔާރުކުރުމަށް 20 މިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމަންޓެއް ކުރަން ނިންމައިފިއެވެ.
މި އިންވެސްޓްމަންޓްގެ ދަށުން، އިޓަލީގެ ގޮނޑި އުފައްދާ ކުންފުންޏެއް ކަމަށްވާ ‘އޮޕްޓިމަރެސް’އާ އެކު ވަނީ އައު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން، އަލަށް ގެންނަ 4 ބޯޓުގައި ފުރިހަމައަށް އޮށޯވެލެވޭނެ(ލައި-ފްލެޓް) 256 ގޮނޑި ހަރުކުރެވިގެންދާނެއެވެ. މި ބޯޓުތައް މިހާރު ދަނީ ބިޔޯންޑްގެ ފްލީޓާ ގުޅި، ޚިދުމަތަށް ނެރުމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ.
ބިޔޯންޑްގެ ސީއީއޯ ޓެރޯ ޓަސްކިލާ ވިދާޅުވި ގޮތުގައި މިއީ މަތީ ފެންވަރުގެ ވަސީލަތްތަކާއި ފަސިންޖަރުންނާ ގުޅޭ ހާއްސަ ހިދުމަތްތައް އެއްކޮށްލުމަށް އެ ކުންފުނިން ގެންގުޅޭ ފިލޯސަފީ ރަމްޒުކޮށްދޭ ކަމެކެވެ.
“ދުނިޔޭގެ އެންމެ ރީތި މަންޒިލްތަކަށް ދަތުރުކުރާއިރު، ދަތުރުމަތީގެ ތަޖުރިބާ ވެސް އެ މަންޒިލްތަކާ އެއްވަރުވާން ޖެހޭނެ. މިއީ އަޅުގަނޑުމެން ހިފަހައްޓާ މިންގަނޑަކީ، ކެބިންތަކުން ފަސިންޖަރުންނަށް ލައި-ފްލެޓްގެ އަރާމުކަން ލިބިގެންދާނެ. އަދި އަޅުގަނޑުމެންގެ މުވައްޒަފުން ދޭނީ ފަސިންޖަރުންނާ ގުޅޭ، ގާތް ޚިދުމަތެއް. މި އިންވެސްޓްމަންޓްގެ ބޭނުމަކީ ކޮންމެ ބޯޓެއްގައި ވެސް މި ދެކަންތައް އެކުލެވި، ފަސިންޖަރުން އުންމީދުކުރާ ވަރަށްވުރެ ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދިނުން.” ޓަސްކިލާ ވިދާޅުވިއެވެ.

